ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބުގެ މަޤާމަށް ނަޝީދުގެ އާއިލީ ކޮށްކޯފުޅު އީވާ އަބްދުﷲ ގެންނަން އެމްޑީޕީން ނިންމި ނިންމުމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ފާޑުވިދާޅުވެއްޖެއެވެ.
އުމަރު ފާޑުވިދާޅުވެފައިވަނީ، ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވި ދުވަސްވަރު، އެމްޑީޕީން އެންމެ ގިނައިން ދެއްކީ އާއިލީ ވެރިކަމު ވާހަކަ ކަމަށާއި ރައީސް މައުމޫނުގެ ވެރިކަމަކީ އާއިލ،ީ ވެރިކަމެއްގެ ގޮތުގައި ސިފަކުރި އިރު މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ ވެސް ކުރަމުންދަނީ އާއިލީ ވެރިކަމެއް ކަމަށް ވިދާޅުވެއެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންނަކީ އެެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޮޑުބޭބެއެއްގެ ދަރިކަނބަލެކެވެ. މިހާރުގެ ފުލުސް ކޮމިޝަނަރަކީ ވެސް އެގޭ ބޭފުޅެއްގެ ފިރިކަލުންނެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކޮއްކޯފުޅު އަބްދުﷲ ހަމީދު ހުންނަވާއިރު އަނބިކަނބަލުންގެ ކޮއްކޯފުޅު އިލްޔާސް އިބްރާހިމާއި ރައީސް މައުމޫނުގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ވަޒީރު ކަމުގައި ތިއްބަވަ އެވެ.
އަބަދުވެސް އެމްޑީޕީއަށް ފާޑު ވިދާޅުވާ އުމަރު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ، މިހާރު އެމްޑީޕީން ކަންތައް ކުރާ ގޮތުން ވެސް، ސިފަ ވަނީ ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ފިޔަވައި އެހެން މީހަކަށް ސިޔާސީ މައިދާނުގެ އިސް މަގާމެއް ފުރުމުގެ ފުރުސަތު ނެތް ކަމަށެވެ.
އަދި ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގެ ކަށްވަޅު ކޮންނަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއިން ކަމަށާއި ވެރިކަމުން ރައީސް ސޯލިހު ދުރުކުރުމުގެ މަސައްކަތް އެހެން ފަރާތްތަކުން ކުރަން ނުޖެހޭނެ ކަމަށެވެ.