ރަޝިއާގެ ނޫސްވެރިއެއް ކަމަށްވާ އިރިނާ ސުލާވިނާ އޭނާގެ އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވެއްޖެއެވެ.
އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވުމުގެ ކުރިން ސުލާވިނާ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މަރުގެ ޒިންމާ ރަޝިއާގެ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށެވެ.
ސުލާވިނާ އޭނާގެ އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވެފައި މިވަނީ، ރަޝިއާގެ ފުލުހުން އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމެންޓް މިދިޔަ ބުރާސްފަތި ދުވަހު ބަލައި ފާސްކޮށްފައި ވަނިކޮށެވެ. ސުލާވިނާގެ އެޕާޓްމެންޓުން ފުލުހުންވަނީ ކޮމްޕިއުޓަރާއި އަދި ލިޔެކިޔުންތަކެއް ގެންގޮސްފައެވެ.
މައުލޫމާތު ލިބޭގޮތުގައި ރަޝިއާގެ ފުލުހުން ސުލާވިނާގެ އެޕާޓްމެންޓް ބަލައި ފާސްކޮށްފައިވަނީ، ރަޝިއާގައި ޑިމަކްރަސީ ގާއިމް ކުރުމަށް މަސައްކަތްކުރާ ގުރޫޕެއް ކަމަށްވާ އޯޕަން ރަޝިއާ އާއި ބެހޭ މައުލޫމާތުތަކެއް ހޯދުމުގެ ބޭނުމުގައެވެ.
ރަޝިއާގެ ތަހުގީގީ އިދާރާއިންވަނީ ސުލާވިނާ އަމިއްލައަށް މަރުވެފައިވާކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެެވެ. ނަމަވެސް މިކަމާއި ސުލާވިނާގެ އެޕާޓްމެންޓް ފާސްކުރުމާއި އެއްވެސް ގުޅުމެއް ނުވާކަމަށް އެފަރާތުންވަނީ ބުނެފައެވެ.
ސުލާވިނާ އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވިއިރު އޭނާގެ ފިރިއަކާއި އަންހެން ދަރިއަކު އެބަހުއްޓެވެ.




