މާލެ ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު "ފެށުން" އަށް މިއަދު ބުނީ އަދީބުގެ ބަލި ހާލަތު ހުރި ގޮތުން ކްރިމިނަލް ކޯޓުގެ ހުއްދައާ އެކު، އަދީބު މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެންނެވި އަދީބުގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް އުފުލައިފައެވެ. އަދި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އަދީބު ވަނީ މި ހަތް ދައުވާ އަށް ވެސް އިއުތިރާފްވެވަޑައިގެން، ފައިސާ ބެއްސެވި ގޮތް ކިޔައި ދެއްވައިފައެވެ.
އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އަދި މި ޝަރީއަތުގައި އަަދީބު އިތުރަށް ވިދާޅުވީ ކުރެވުނު ކުށަށް ތައުބާވެފައި ވާކަމަށާއި އަދި އެކުށަށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ.