ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެޔަށް ބަދަލުކޮށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޖަލަށް ލުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރޕީގެ ލީޑަރ އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، އިއްޔެ އަޅުގަނގަނޑަށް އަޑު އިވިގެން ދިޔައީ ދިވެހި ސަރުކާރުން ހާއްސަ ސްޕެސިޕިކް ޑީލްއެއްގެ ދަށުން އަދީބު ގެޔަށް ބަދަލުވެގެން ދިޔަ ތަން ކަމަށާއި 20 އަހަރު ދުވަހުގެ ހުކުމަކާއި 2 މިލިއަނެއްހާ ރުފިޔާގެ މުޅި ދައުލަތް ލޫޓުވާލި މީހަކު ގެޔަށް ބަދަލުވެގެން ދިޔައީ ކަމަށެވެ.
"ތަފާތު ކުރުންތައް ވަރަށް ބާރަށް ފެންނަމުން މިދަނީ. ނިކަމެތިންނަށް ނިކަމެތިކޮށް ސަރުކާރާއި ޑީލް ހަދައިގެން ބޮޑެތި ވަގުން މިންޖުވެގެން މިދަނީ. ޔާމީން ޖަލުގައި އެހުރީ އަދީބު އެހުރީ ގޭގަ. ކޮންކަހަލަ ވާހައެއްތޯ މި ދައްކަނީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، މިއަދު ޔާމީން ޖަލުން ވަގުތުން ވަގުތައް ގެއަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެހެންނޫނީ އަދީބު ޖަލަށް ލާން ޖެހޭ ކަމަށެވެ. ކާކަށް ކިހާވަރެއްގެ ރިޝްވަތެއް ދީގެންތޯ އެނާ ގެޔަށް ބަދަލުކޮށްގެން އުޅެނީ ޖާބިރު ސުވާލު ކުރެއްވި އެވެ. އަދި މި މަޖިލީހުން ހަދާ ގާނޫނަކަށް އެއްވެސް ބާރެއް ނޯންނަ ކަމަށާއި ގަވާއިދެއް ހަދާފަ ގާނޫނުގެ ބާރު ކަނޑުވާލާ ކަމަށް ވިދާޅިވިއެވެ.
ވަގުތުން ވަގުތައް ޔާމީން ގެޔަށް ބަދަލުކޮށްފަ އަދީބު ޖަލަށް ލުމަށާއި އަދީބު ގޭގަ ހުންނަ ނަމަ ޔާމީން ވެސް ގޭގަ ހުންނަން ޖެހޭ ކަމަށާއި ނޫނީ ދެމީހުން އެއްކޮށް ޖަލުގަ ތާ އަބަދު ބައިންދަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.