އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑު ސިޓީ ތަރަށްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް

އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެންނެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަޢުދެއް ކަމަށާއި، އަދި މިކަން ހަގީގަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގެ އިޤްތިޞާދު ފުޅާކޮށް، ޒަމާނީ ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، އިޤްތިޞާދީ ސިނާޢަތްތައް ތަރައްޤީކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކަމާގުޅޭ އިދާރާތަކާއެކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އައްޑުއާއި ހުވަދުއާ ދޭތެރޭގައި ސީ ޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި، ކާރގޯ ފެސިލިޓީސްއާއި، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީކުރުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ އެކުގައި މުހިންމު މަޝްރޫއެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ދަނީ ކުރެވެމުންދާކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ މި މަޝްރޫޢުތަކަކީ އައްޑޫ ސިޓީ ޙަޤީޤީ މާނައިގައި ލާމަރުކަޒުކޮށް، އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ނުހަނު މުހިންމު މަޝްރޫޢުތަކެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ