ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓިސީސީއިން ވިދާޅުވީ ފުނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާކަމަށާއި އަދި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްޤީ ކުރެވޭނެކަމަށްވެސް އެމްޓިސީސީއިން ވިދާޅުވިއެވެ. އަދި 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށްވެސް އެމްޓިސީސީއިން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން 26 ގައެވެ.




