މިދިޔަ މަހު ބަންގުލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން، މި މުޒާހަރާކޮށްފައިވަނީ މުސާރަ ނުދޭ މައްސަލައިގައި

ބަންގުލަދޭޝްގެ އެތައްހާސް ފަހާމީހުން ވަޒީފާއެއް ނެތި ހާލުގައި ޖެހިފައި

މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބަންގުލަދޭޝްގެ އެތައްހާސް ފަހާމީހުންގެ ވަޒީފާ ގެއްލި އެމީހުން ހާލުގައި ޖެހިއްޖެއެވެ.

ބަންގުލަދޭޝްގެ ގާރމެންޓް މޭންފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީޖީއެމްއީއޭ) އިން ބުނެފައިވަނީ، ފެހުމުގެ މަސައްކަތުގައި އުޅުނު 70،000 ވުރެ ގިނަ މީހުންގެ ވަޒީފާ ކޮވިޑް-19 އާއި ގުޅިގެން ގެއްލިފައިވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާގިނަ ވަޒީފާ ގެއްލެން މެދުވެރިވީ 3.5 ބިލިއަން ޑޮލަރުގެ އޯޑަރު މިހާތަނަށް ކެންސަލްވުމާއި ގުޅިގެން ކަމަށެވެ.

ބަންގުލަދޭޝްގެ ސިނާއީ މައި އެއްމަސައްކަތަކީ އައްނައުނު ފެހުމުގެ މަސައްކަތެވެ. ކޮވިޑް-19 އާއި ގުޅިގެން މަސްދުވަހަށް އެގައުމުގެ އައްނައުނު ފަހާ 4،000 ކާރުހާނާ ބަންދުކޮށްފައިވާއިރު މިހާރުވަނީ ގިނަ ތަންތަން ހުޅުވައި މަސައްކަތް އަލުން ފަށައިފައެވެ. ނަމަވެސް ކުރީގައި މި ކާރުހާނާ ތަކުގައި މަސައްކަތްކުރި ގިނަ ބަޔަކަށް އަދިވެސް ވަޒީފާ ދީފައެއް ނުވެއެވެ.

ބަންގުލަދޭޝްގެ ފެހުމުގެ ސިނާއަތުގައި ގިނައިން ހަރަކާތްތެރިވަނީ އަންހެނުން

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ފަހާމީހުންގެ ހައްގުގައި މަސައްކަތްކުރާ އިސްފަރާތަކުން ބުނެފައިވަނީ، ކާރުހާނާތައް ހުޅުވައި މަސައްކަތް ފެށި ނަމަވެސް، ވަޒީފާގެ ފުރުސަތު މިހާތަނަށް ލިބިފައިވަނީ މިދާއިރާއިން ވަޒީފާ ގެއްލުނު ކޮންމެ 10 މީހަކުން އެކަކަށް ކަމަށެވެ.

މިކަމުގެ ސަބަބުން ފެހުމުގެ މަސައްކަތުގައި އުޅުނު ގިނަ ބަޔެއްގެ އާއިލާތައް ހާލުގައި ޖެހި ހަމައެކަނި އެހީދޭ ޖަމާއަތްތަކުން ފޯރުކޮށްދޭ ކާބޯތަކެއްޗަށް ބަރޯސާވާން ޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އައްނައުނު ހެދުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބުނަމުން އަންނަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ސިނާއަތުގެ މަސައްކަތްތެރިކަން އިތުރުވެގެންދާނެ ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ކެންސަލް ކުރި އޯޑަރު ތަކުގެ 90 އިންސައްތަ އޯޑަރު އަލުން ކޮށްފައިވާ ކަމަށެވެ.

ބަންގުލަދޭޝްއިން 364,900 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 5,250 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ