19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކުރައްވައިފިއެވެ.
މަޖިލީހުގައި ދާދި ދެންމެ ނެންގެވި ސިއްރު ވޯޓުގައި ނަޝީދު ވަނީ ބޮޑު އަޤްލަބިއްޔަތެއް ހޯއްދަވާފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ މަޖިލީހުގެ 67 މެންބަރުންގެ ވޯޓާ އެކުގައެވެ. ޤާސިމް އިބްރާޙީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ. މި ވޯޓުގައި 1 ފަރާތަކުން ދިން ވޯޓު ބާޠިލުވެފައިވެއެވެ.
މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިޚާބު ކޮށްފައިވަނީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުންދަނީ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

މަޖިލީހުގެ ރައީސަކަމަށް ރައީސް ނަޝީދުގެ ނަންފުޅު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހަށް ހުށަހެޅުއްވިއިރު، އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއެވެ.
މަޖިލީހުގެ ރައީސަކަމަށް ޤާސިމް އިބްރާހީމްގެ ނަންފުޅު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް މަޖިލީހަށް ހުށަހެޅުއްވިއިރު، ޠާރިޤްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފްއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ ކަންކަން ބެލެހެއްޓެވި 5 މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދުގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.
މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު އިންތިޚާބު ކުރެއްވިއިރު، މަޖިލީހުގެ ނައިބު ރައީސަކަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ ނަންފުޅު އެކަންޏެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގެ ކަންކަން މިހާރު މަޖިލީހުގައި ދަނީ ކުރިއަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާފައެވެ. ރޭ ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ތެރެއިން ކަންކަން ހިނގާނީ ޑިމޮކްރަޓިކް އުޞޫލުތަކާއި، އިސްލާމް ދީނާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ.



