ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސަކަށް އީވާ އިންތިޚާބުކޮށްފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އިންތިޚާބު ކުރައްވައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އިންތިޚާބު ކޮށްފައިވަނީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްތަވަމުންދަނީ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

އީވާގެ އިތުރުން އިތުރު ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތި ލައްވާފައި ނުވާތީ ނައިބު ރައީސް ހޮވުމުގައި ނަގާފައިވަނީ، ފެންނަ ނުފެންނަ ވޯޓެކެވެ. އީވާ މަޖިލީހުގެ ނައިބު ރައީސަކަމަށް ގެންނަން ފެންނަކަމަށް 76 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. މަޖިލީހުގެ ނައިބަކަށް އީވާ ގެންނަން ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓް ދެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސަކަމަށް އީވާގެ ނަންފުޅު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހަށް ހުށަހެޅުއްވިއިރު، އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ ކަންކަން ބެލެހެއްޓެވި 5 މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދުގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އިންތިޚާބު ކުރެއްވިއިރު، މަޖިލީހުގެ ރައީސަކަމަށް އިންތިޚާބު ކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް