ބޯހިޔާވަހިކަމުގެ ބިލް ހިމެނޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށަހަޅަން ޤަސްތުކޮށްފައިވާކަން ހާމަކޮށްފިއެވެ.
ރައްޔިތުނަނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ. އަދި މަޖިލިސް އިންތިހާބުގައި އެޖެންޑާ19ގެ ތެރޭގައި ގާނޫނަކުން ބޯހިޔާވަހިކަން ކަށަވަރު ކުރުމަށްވެސް ވަނީ ހިމަނާފައެވެ.
އެގޮތުން މަޖިލީހަށް ހުށަހަޅަން ސަރުކާރުން ޤަސްތުކޮށްފައިވާ ބިލްތަކަކީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ޕޭމަންޓް ސިސްޓަމްއާ ޕޭމަންޓް ޚިދުމަތްތަކުގެ ބިލު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ހެއްކާބެހޭ ބިލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު، ކާބޯތަކެއްޗާބެހޭ ބިލު، ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު، ޢާންމު ދަތުރުފަތުރުގެ ބިލު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު، ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު، ތަސްނީފްކުރުމުގެ ބިލު، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު، ފޮރިން އިންވެސްޓްމަންޓްގެ ބިލު، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ބިލު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިންސޮލްވަންސީއާބެހޭ ބިލު، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު، ޢާއިލާއާބެހޭ ބިލު، ނަފްސާނީ ޞިއްޙަތުގެ ބިލު، މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު، ބޯހިޔާވަހިކަމުގެ ބިލު އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލެވެ.
އަދި މިލިސްޓު މިއަދު މަޖިލީހަށް ފޮނުވާފައިވާކަމަށާއި، މިއިން ކޮންމެ ބިލެއް، މަޖިލީހަށް ފޮނުވުމަށްފަހު، ބިލުގައިވާ ތަފްސީލު ހިއްސާކުރަމުން ގެންދާނެކަންވެސް ބަންޑާރަނައިބު އޮފީހުންްވަނީ ހާމަކޮށްފައެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި 21 ބިލުގެ މަސައްކަތް ނިންމާ ވަނީ ފާސްކޮށްފައެވެ. މިއަދު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރު ނިމެނީ އަންނަ ނޮވެމްބަރަށެވެ.




