ހދ. ކުރިނބީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ކުރިނބީ ގައި އިޢުލާންކުރި މޮނިޓަރިންގެ ހާލަތު އުވާލީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އިއްޔެ ކުރިނބީ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިނބީ މޮނިޓަރިން އަށް ލާފައިވަނީ ރޭ 9:30 އެހާއިރު އެވެ. ކުރިނބީން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.
ކުރިނބީގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނީ މިއަދު ހަވީރު 5:11 ގައެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން ކުރިނބީ މޮނިޓަރިން އަށް ލީ ފުރަތަމަ ފަހަރެވެ.
މީގެކުރިންވެސް ކުރިނބީއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެފައި ވެއެވެ. އެފަހަރު ކުރިނބީއިން ޕޮޒިޓިވުވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެހެންކަމުން އެފަހަރު ކުރިނބީ މޮނިޓަރިން އަށް ލާފައި ނުވެއެވެ.



