ކާޅު ނައްތާލުމުގެ ހުއްދަ އައްޑޫ ކައުންސިލަށް ދީފިއެވެ.
މި ހުއްދަ އައްޑޫ ކައުންސިލަށް ދީފައިވަނީ އައްޑޫ ސިޓީގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާތީއެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އައްޑޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ، ކާޅަކީ އައްޑޫގައި އާއްމުގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ
ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެކަމަށެވެ.
އެގޮތުން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 42 މާއްދާގެ (ޓ)ގައި ވާފަދައިން ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިޢުތިރާޒެއް ނެތްކަމަށާއި، އަދި މިކަމުގައި އެމިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ކަމެއްއޮތްނަމަ އެކަމެއްވެސް އަންގުމަށް މިނިސްޓްރީގެ މިސިޓީގައިވެއެވެ.
އަދި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫގައި ދިރިއުޅޭ ކާޅުތަކާއި މެދު އަމަލު ކުރައްވާ ގޮތެއްގެމައުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ދެއްވުމަށާއި
ޕެސްޓް ކޮންޓްރޯލް ކުރުމަށް ހިންގާ ޙަރަކާތްތައް މޮނިޓަރކުރައްވަން އެޖެންސީއިން ބޭނުންވާނަމަ އެކަން ކުރެވޭނެފަދަ ގޮތަކަށް މިކަން ރާވާ ހިންގުމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން އެދިފައިވެއެވެ.
މީގެއިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ މިސިޓީގައި ބުނެފައިވަނީ ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށްޓަކާ ޢަމަލު ކުރަން ގަސްދުކުރައްވާ ކަމެއް ތަންފީޒުކުރުމަށް ސަރުކާރުގެ އެއްވެސް ދާއިރާ އެއްގެ އެހީތެރިކަން ބޭނުންވާނަމަ ކަމާއި ބެހޭފަރާތްތަކަށް ލިޔުއްވާ އެހީތެރިކަން ހޯދުމަށެވެ.
ކާޅުތަކުގެ ސަބަބުން އައްޑޫގެ ދޮންދީނީގެ އާބާދީ އަށް ނުރައްކާވެފައި މިވަނީ އެ ދޫނީގެ އާބާދީ ބެލުމަށް މިދިޔަ މަހުގެ 15-30 އަށް އައްޑޫގައި ސާވޭއެއް ވެސް ކޮށްފައި ވަނިކޮށެވެ. ދޮންދީނި އަކީ އައްޑޫ ފަހުރެއްގެ ގޮތުގައި ދެކޭ އެ ސިޓީ ރަމްޒުކޮށްދޭ ދޫންޏެކެވެ.




