މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ (29 މެއި 2019 ވާ ބުދަ ދުވަހު) ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.

މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ނަޝީދު ހާމަކުރެއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރެއްވުމާ ގުޅިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުންނެވެ.

ނަޝީދު ވިދާޅުވީ، މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށާއި، މިރޭގެ ވަގުތެއްގައި މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ފޮނުއްވާނެ ކަމަށެވެ. އަދި މާދަމާގެ މަޖިލީހުގެ ބައެއް މަސައްކަތްތައް ނަޝީދު ހާމަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، މާދަމާ ބާއްވާ މި ދައުރުގެ ދެވަނަ މަޖިލިސް ޖަލްސާއަށް މުހިންމު މަސައްކަތްތަކެއް ތާވަލުކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅުއްވާ މެންބަރުން ކަނޑައެޅުމާއި، މަޖިލިސް ގަވާއިދު މަޖިލީހަށް ބަލައިގަތުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު އަންނަ ޖޫންމަހުގެ 7 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމާ ގުޅުންހުރި މަސައްކަތްތަކެއްވެސް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ކުރެވިގެންދާނެކަމަށް މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ދާދި ދެންމެ ނިންމަވާލައްވާފައިވާއިރު، އެ ޖަމިލީހުގައި ނެގި ސިއްރު ވޯޓުގައި ޤާސިމް އިބްރާހީމް ބަލިކޮށް ބޮޑު އަޤްލަބިއްޔަތަކުން ކާމިޔާބު ކުރައްވާ މަޖިލީހުގެ ރައީސްކަން ހޯއްދެވީ ރައީސް ނަޝީދެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަކަށް އިންތިޚާބު ކުރެއްވީ އީވާ ޢަބްދުﷲ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ