ފްލައިމީން މާމިގިއްޔާއި އިންޑިއާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނާޝިދު ވިދާޅުވެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މަންޒިލެއްކަމަށާއި އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނެސްދެވޭނެ ގޮތްތައް ފްލައިމީން ބަލަމުންދާކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ 4 މަންޒިލަކަށް ފްލައިމީން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ނާޝީދު ވަނީ ވިދާޅުވެފައެވެ. ފްލައިމީމް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ ހަތަރު މަންޒިލަކީ ބެންގަލޫރުއާއި، ދިއްލީއާއި، މުމްބާއީގެ އިތުރުން އަހްމަދުއާބާދުއެވެ.
ވިލާއެއަރއަށް އިންޓަރނޭޝަނަލް ދަތުރުތަކުގެ ގޮތުގައި އޭޝިއާގެ މަންޒިލްތަކަށް ދަތުރު ކުރުމުގެ ހުއްދަ 2020 ސެޕްޓެމްބަރުމަހުގެ 3 ވަނަ ދުވަހު ވަނީ ދީފައެވެ.
ޕީއެސްއެމްއަށް ނާޝިދު އިތުރަށް ވިދާޅުވެފައި ވަނީ އިންޑިއާގެ ދަތުރުތަކަށް ނެރޯ ބޮޑީގެ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަމަށާއި އެގޮތުން އަންނަ އަހަރުގެ 2 ވަނަ ކުއާޓަރުގައި އިތުރު މަތިންދާބޯޓުތައް ގެނެސް ޗައިނާގެ މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް ވިލާ އެއަރއިން މަސައްކަތް ކުރަމުންދާކަމަށެވެ.



