19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލު ކުރުމުގެ ފުރުޞަތު ތަނަވަސް ކުރުމުގެ ގޮތުން، ޤާނޫނާއި، ގަވާއިދުތައް ތަންދޭ އެންމެ ފުޅާކޮށް މައިނޯރިޓީއަށް ފުރުޞަތު ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭގައެވެ.
ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ހިނގަމުން އަންނަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން ކަމަށާއި، އާ މަޖިލީހުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، ޕީޕީއެމްއާއި، އެމްޑީއޭ އަދި ޕީއެންސީ ތަމްސީލުވާ ކަމަށެވެ.
"މި އެންމެހާ ޕާޓީތަކުގެ ލީޑަރުންނަށް ފަށްފަށުން މަރުޚަބާ ދަންނަވަން. ތި އެންމެ ބޭފުޅުންނަށް އަޅުގަނޑު ޔަޤީންކަން އަރުވަން ތިބޭފުޅުންގެ ފިކުރާއި، ތިބޭފުޅުންގެ ޕާޓީ ތަމްސީލު ކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ މަޖިލީހުގެ އިދާރާވެސް އަދި މަޖިލީހުގެ ތަޅުމުގައިވެސް ޤާނޫނާއި ޤަވާއިދުތައް ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް މަސައްކަތްތައް ނިންމޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ވާންވާނީ ނަޒާހާތްތެރި، ރައްޔިތުންގެ ވިންދާއި، ޑިމޮކްރަޓިކް ހަމަތަކާ އެއްގޮތަށް މަސައްކަތްކުރާ މަޖިލީހަކަށް ކަމަށެވެ.
މިއަދުގެ ވަގުތެއްގައި މުހިންމު ކަންތައްތަކެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.




