ޔާމީންގެ ޝަރީޢަތަށް ނުފޯޒު ފޯރުވުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތް ކުށްވެރިކުރަން: އިދިކޮޅު

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތަށް ނުފޯޒު ފޯރުވުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، ޚާއްޞަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒުފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މަޢުލޫމާތު މިކޯލިޝަނަށް ވަނީ ލިބިފައި ކަމަށެވެ.

"މިއީ ސުޕްރީމްކޯޓުން ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރުމާއެކު، ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ ޙުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަޤީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތްހުސްވެގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް." ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ވިދާޅުވެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުސްތަޤިއްލު، ވަކި ފަރާތަކަށް ބުރަނުވާ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކުރެވިފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި، މިސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދިއުމުން، މިސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް ބާރުފޯރުވާފައިވާ މިންވަރު ވަރަށް ސާފު. ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންމިދަނީ އެމަނިކުފާނު ޖަލުގައި ޤައިދުކޮށް ބަހައްޓައިގެން، ދިވެހިރާއްޖެ އަވަށްޓެރި ޤައުމަކަށް ވިއްކާލުމާއި، ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުޞަތު ތަނަވަސްކުރުމުގެ ގޮތުން. އަދި އެމަނިކުފާނު ދޫކޮށްލައިފިނަމަ މިކަންކަމާ ދެކޮޅަށް އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ސާބިތު ކަމާއެކު ތެދުވާނެކަން މިސަރުކާރަށް ޔަޤީންވާތީ" ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން އިތުރަށް ވިދާޅުވީ، މި ފުރުސަތުގައި، ނާއިންސާފުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އެމަނިކުފާނަށް ދެމުންދާ އަނިޔާ ކުށްވެރިކޮށް އެއްވެސް ޝަރުޠަކާނުލާ، މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ