9 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހިންގާ މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން 9 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި އެމިނިސްޓްރީން ވިދަޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މިހާރު 2 މިސްކިތެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިޔަށް ދަނީ އެމިސްކިތްތަކުގެ ފައިނަލް އިންސްޕެކްޝަންގައި ފާހަގަ ކުރެވުނު ކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތްކަމަށެވެ. އެއީ ނ. މަގޫދޫގައި އިމާރާތްކުރި 300 ޖާގައިގެ މިސްކިތާއި ށ. ފުނަދޫގައި އިމާރާތްކޮށްފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތެވެ.

ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރަމުންދާ ލ. ގަން މިސްކިތާއި، ދައުލަަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރަމުންދާ ރ. ވާދޫ މިސްކިތުގައި މިހާރު ކުރެވެމުންދަނީ ވަށާފާރު ރޭނުމުގެ މަސައްކަތްކަމަށާއި، އަދި އއ. ބޮޑުފޮޅަދޫ ގައި އިމާރާތްކުމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތާއި ބައެއް ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނ. ލަންދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގައި ވުޟޫކުރާބައިގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު މިހާރު ކުރިއަށްދަނީ ތަނބުތައް ކޮންކްރީޓުކުރުމުގެ މަސައްކަތްކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ލ. ކަޅައިދޫއާއި އދ. ދަނގެތީގެ މިސްކިތުގެ ރޭނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންދާއިރު، ލ. ފޮނަދޫގައި އިމާރާތްކުރަމުންދާ މިސްކިތުގައި މިހާރު ކުރިއަށްދަނީ ތަޅުން އެޅުމުގެ މަސައްކަތް ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ