ރައީސް ޔާމީނަށް އަނިޔާ ދެމުންދަނީ ރައީސް ޞާލިޙާއި ރައީސް ނަޝީދު އެކަނި ނޫން ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާޅުވެ ހުންނެވި އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ދެންމެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް މިއަނިޔާ ކުރަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި ރައީސް މުޙައްމަދު ނަޝީދު އެކަނި އިސްނަންގަވައިގެން ނޫން ކަމަށެވެ.
"މީގެ ފުރަގަހުގައި (ރައީސް ޔާމީނަށް އަނިޔާ ކުރުމުގައި) ބާރުގަދަ، ނުފޫޒުގަދަ ފަރާތްތަކެއް އެބަވޭ. އަޅުގަނޑު ނެތިން އެއީ ކޮންބައެއްކަން ކަނޑައެޅިގެން މިއަދު ދަންނަވާކަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިސަރުކާރުގެ ބާރެއް ނެތްވަރު އަދި މިސަރުކާރުގެ ނުފޫޒެއް މިގައުމުގެ މައްޗަށް ނެތްވަރު ބަލާލި ކޮންމެ ދިމާއަކުން ފެންނަން އެބަހުރި ކަމަށެވެ.
"ބައެއް ގައުމު ތަކުގެ ބޭބޭފުޅުން މިރާއްޖޭގެ މަގުމަގު މަތީގައި އެމީހަކު އުޅޭނެ ގޮތަކަށް އުޅެމުން ދާއިރުވެސް، އެމީހުންނަށް ކުރެވޭނެ ކަމެއް ނެތް. އެމީހުން އެބަބުނޭ މިރާއްޖޭގެ ކޯޓުތައް ހުރީ ތިމަންނަމެންގެ އަތް ދަށުގައޭ. ކޯޓުތަކުގެ ކޮންޓްރޯލް އޮތީ ތިމަންނަމެންގެއޭ" އަދުރޭ ވިދާޅުވިއެވެ.
އެއީ ދޮގެއްކަން ހާމަކުރައްވަންވެސް ސަރުކާރަށް ކަމެއް ނުކުރެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން ހައިކޯޓުގައި އޮތް ރައީސް ޔާމީނުގެ އިސްތިޢުނާފުގެ މައްސަލަ ނިމިގެން ދާނެ ގޮތާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.



