ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާގެ ކިބައިން މެމްބަރު އިކްރާމް މާފަށް އެދި ވަޑައިގެންފި

ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އަށް ހަމަލާދީ، މަރާމާރީ ހިންގައިކަމަށް ބުނާ މައްސަލާގައި މައާފަށް އެދިވަޑައިގެންފިއެވެ.

އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް ޓެސްޓްކުރަން އޭނާގެ ސާމްޕަލް ނެގި ސިއްޙީ ޚިދުމަތްތެރިޔާ ޝިފާނާއާއި ޝިފާނާގެ މަންމައާއި ބައްދަލުކޮށް އެދުވަހު ބުނެވުނު އަދި ކުރެވުނު ކަންކަމަށް މަޢާފަށްއެދިފައިވާނެކަމަށެވެ. އަދި މިހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެޗްއީއޯސީ އާރްއާރްޓީ ޓީމުގެ ހުރިހާ މެމްބަރުން ކިބައިން ވެސް އިކްރާމް މާފަށް އެދިވަޑައިގެންފައިވެއެވެ.

މާފަންނު މަދަރުސާގައި ކޮވިޑް-19 ޓެސްޓް ކުރަން ސާމްޕަލް ނަގާ މީހަކަށް އެމްޑީޕީގެ މެމްބަރު އިކްރާމް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް މިދިޔަ ހަފްތާގައި ފެންމަތިވެ އެ މައްސަލަ ފުލުހުން ވެސް ވަނީ ބަލަން ފަށައިފަ އެވެ. އަދި އެ މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އޭރު މެމްބަރު އިކްރާމް ވަނީ އެކަން ދޮގުކުރައްވައިފައެވެ.

މީގެ ކުރިން އެކަން ދޮގުކުރައްވައި އިކްރާމް ވިދާޅުވީ ސާމްޕަލް ނަގަން ޖެހޭނީ އޯގާތެރިކަމާ އެކު ކަމަށާއި، ސާމްޕަލް ނެގި ގޮތުން ތަދުވެގެން އަތް ދުރަށްލައި ނަން އެހި ކަމަށާއި އެ ނޫން އިތުރުކަމެއް ނުހިނގާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން މީސްމީޑިއާގައި އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ