ބަންގުލަދޭޝްގައި ރޭޕްކުރުމުގެ ކުއްތަކަށް އަރައިގައްނަ ފަރާތްތަކަށް މަރުގެ ހުކުމް އިއްވުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ރޭޕް ކޭސްތަކާއި ގުޅިގެން މަރުގެ ހުކުމް އިއްވުމަށް ބަންގުލަދޭޝް ސަރުކާރުން ނިންމައިފައި މިވަނީ އެގައުމުގައި މިފަހުން ހިނގި މިފަދަ ހާދިސާތަކާއި ގުޅިގެން ކުރި މުޒާހަރާތަކުގައި މިކަމަށް ގޮވާލައިފައި ވަނިކޮށެވެ.
އެކްޓިވިސްޓުންނާއި ހަވާލާދީ މިޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރު އެކަނިވެސް ބަންގުލަދޭޝްގައި 1،000 ވުރެ ގިނަ ރޭޕްކޭސްވަނީ ހިނގައިފައެވެ. އަދި މިފަދަ ބަޔެއް ކޭސްތަކުގައި ސަރުކާރު ހިންގާ ޕާޓީގެ ސްޓޫޑެންޓް ވިންގުގެ ބަޔެއް މީހުންވެސްވަނީ ހައްޔަރުކޮށްފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާގޮތުން، ބަންގުލަދޭޝްގައި ހިނގާ ގިނަ ރޭޕްކޭސްތައް ރިޕޯޓް ނުކުރެއެވެ. އަދި މިފަދަ ކޭސްތައް ރިޕޯޓް ނުކުރަނީ މިފަދަ ހާދިސާތައް ދިމާވެފައިވާ މީހުންނާއިމެދު މުޖުތަމައުން ދެކޭގޮތުގެ ސަބަބުން ކަމަށާއި ރިޕޯޓް ކުރިނަމަވެސް ގިނަ ކޭސްތައް ރަނގަޅަށް ނުވެސް ބަލާކަމަށެވެ.
އަންހެނުންނަށްކުރާ އަނިޔާއާއި އަދި ރޭޕްކޭސްތަކާއި ދެކޮޅަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބަންގުލަދޭޝްގައިވަނީ ވަރަށް ބޮޑެތި މުޒާހަރާތައް ބާއްވައިފައެވެ. މައުލޫމާތު ލިބޭގޮތުގައި ރޭޕްކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ ހުކުމް އިއްވުމަށް ބަންގުލަދޭޝް ސަރުކާރުން ނިންމައިފައިވަނީ މި މުޒާހަރާތަކާއި ގުޅިގެންނެވެ.



