ފަތުރުވެރިން ދެން ހުށަހަޅަންޖެހޭނީ 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ސެޓްފިކެޓް!

ފަތުރުވެރިން ރާއްޖެ އަންނައިރު ދެން ހުށައަޅަންޖެހޭނީ 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ސެޓްފިކެޓް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ނެގެޓިވް ޕީސީއާރު ސެޓްފިކެޓް ހުށައަޅަންޖެހޭ ވަގުތުު ބަދަލުކޮށްފައިވާ ކަމަށާއި ދެން ހުށައަޅަންޖެހޭނީ 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ސެޓްފިކެޓް ކަމަށެވެ.

މީގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނައިރު ހުށައަޅަން ޖެހެނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓެވެ.

ކޮވިޑް-19ގައި ރާއްޖެ ލޮކްޑައުންކުރުމަށްފަހު ބޯޑަރުތައް މާރޗް މަހުގެ 27 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި  އޭރު ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ނެގެޓިވް ނަތީޖާ އޮންނަ އުސޫލެއް ގާއިމްކޮށްފައިނުވެއެވެ.

އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޮވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ކޮވިޑް-19 އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ