މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޙާތަބް ކުރައްވާނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޤައުމީ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށްކަމަށެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެއާއި ބޮޑު ތަކުރުފާނުގެ ހަދާނީ މަރުކަޒުގައެވެ. އަދި ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެޑައިގެންނަވާނެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ @ibusolih ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ
ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޤައުމީ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައެވެ.
— Ibrahim Hood (@MvSpokesperson) October 17, 2020
މީގެ އިތުރުން ޤައުމީ ދުވަހު ބާއްވާ ރަސްމީ ޖަލްސާ މިއަހަރު ބާއްވާނީ ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ . އުތީމުގައެވެ. މި ޖަލްސާގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވީޑިއޯ މެދުވެރިކުރައްވާ ޚިޠާބެއް ދެއްވުމަށް ވަނީ ހަމެޖހިފައެވެ.
ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ.
މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.



