މިނިސްޓަރު އަމީން މަގާމުން ވަކިނުކުރާތީ ޑރ. ޖަމީލް ފާޑުވިދާޅުވެއްޖެ 

ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމުން ވެސް މިނިސްޓަރުކަމުން އަމީން ދުރުނުކުރައްވާތީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން މިއީ ބޮޑު ސަމާސާއެއް ކަމަށާއި އެގޮތުން ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރުވެސް އެނގިނުލައްވާ، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ކެމްޕެއިންގައި ވިދާޅުވަމުންދިޔަ ކަމަށެވެ.

އަދި އެ ކުށަކީ ތަހުގީގު ކުރެވި ދައުވާ އުފުލިޔަސް ލަދުގަނެ، ވަޒީފާ ގެއްލޭވަރުގެ ކަމެއް ނޫންކަން ފާހަގަކުރައްވާ ޖަމީލް ވަނީ އެއީ އެންމެ "ތާހިރު" ގޮތްތޯ ސުވާލު އުފައްދަވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލަ ދިރާސާކުރުމަށް ފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ