ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޮއިކޮޓް ކުރުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައިފި އެވެ.
ޖަމީލް މިހެން ބުނެފައިވާއިރު، ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް މިނިސްޓަރު ޝާހިދާއި، މިނިސްޓަރު މާރިޔާ ހިމެނޭހެން، ގައުމީ މަޖިލިސް މެންބަރުންގެ ޓީމެއް ކޮމަންޑޫއަށް މިއަދު ވަނީ ވަޑައިގެންފަ އެވެ.
ޖަމީލް މިއަދު ކުރި ޓްވީޓުގައި ބުނީ، ރައްޔިތަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ދިނުމުގާ، މިނިސްޓަރު މާރިޔާ އާއި، މިނިސްޓަރު ޝާހިދު ހިމެނޭ ކަމަށެވެ. އަދި ޤާނޫނުއަސާސީ ޗިސްޗިސްކޮށްލި ކަމަށާއި، .ޝާހިދު 136 ވަނަ މާއްދާއާ ޚިލާފަށް އދ.ގެ ވަޒީފާގައި ހުންނެވުން ޖަމީލް ފާހަގަކުރި އެވެ.
ޖަމީލް ކުރި ޓްވީޓުގައި ޤާނޫނު އަސާސީ ޗިސްޗިސް ކޮށްލި ކަމަށް ބުނެ އެ އިޝާރާތް ކުރެއްވީ، ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގައި މާރިޔާ ދީދީ ގާނޫނޫ އަސާސީއަށް ކޮޅުފައިން އެރި ދުވަހަށެވެ. އަދި ޝާހިދު ގާނޫނު އަސާސީއާ ޚިލާފަވިކަމަށް ބުނެފައި ވަނީ، ފޮރިން މިނިސްޓަރުގެ މަގާމު ހުންނެވުމާއި އެކު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ޝާހިދު ފުރުއްވަމުން ދާތީއެވެ.
އެމްޑީޕީގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ކޮމަންޑޫއަށް މިއަދު ވަޑައިގެންނެވި އިރު، އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް މިވަގުތު ތިއްބެވީ ކޮމަންޑޫގަ އެވެ. އަދި ކެމްޕޭން ފެއްޓެވުމަށް ރައީސް ސޯލިހްވެސް މިދިޔަ ހަފްތާގައި ކޮމަންޑޫއަށް ވަޑައިގެންނެވިއެވެ.