ބޭރުގެ ޤައުމުތަކާއި ގުޅުންބަދަހިކުރަނީ ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް އެ މިނިވަންކަން ނުގެއްލޭ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޤައުމާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ޤައުމުތަކަކާއެކުވެސް، ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަމަށާއި ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުންކަމަށެވެ. އަދި ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުންކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަފުޅުގައި ވިދާޅުވީ ރާއްޖޭގެ އުފާވެރި ޤައުމީ ދުވަހުގެ ހަނދާންތައް ގުޅިފައިވަނީ، ވަރަށް މަތިވެރި ޤައުމީ ބަޠަލެއް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއްވި ވަރަށް މަތިވެރި ޖިހާދަކާއިކަމަށެވެ.
އަދި މިއަދުވެސް އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ޤައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި، ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މިޤައުމުގައި ސާބިތުވެ އޮތުނަކަމަށާއި މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާނެ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ނަމުގައި މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިސްތިޢުމާރީ ބާރެއްގެ ދިގު އަޅުވެތިކަމަކުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އުފާ ކަމަށާއި، ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނޭވާލުމުގެ މަތިވެރި ނިޢުމަތް ލިބިފައިވުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިކަމަށާއި އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނުކަމަށް ރައީސްގެ ވާހަކަފުޅިގައި ފާހަގަ ކުރެެއްވިއެވެ. ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން ކަމަށާއި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
“ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް، މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ ވަރަށް މަތިވެރި ނިޢުމަތްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާކަން ހަނދާނަށް ގެންނަންޖެހޭ ކަމަށާއި އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުންކަމަށެވެ.
އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށްވުމީ، ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު އިތުރުވެގެންދާ ކަމެއްކަމަށާއި މިއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކޮށް، ޤައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުޚާޠަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ މި ދެންނެވި ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެން ކަމަށާއި އަދި ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއްކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ.




