އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން - ފޮޓޯ: ރާއްޖެ.އެމްވީ

"ތަނަވަސްކަން ހޯދަން ޤާނޫނީ ދާއިރާއަށް ވަނުމަކީ ގޯހެއް"

މާލީ ތަނަވަސްކަން ހޯދަން ޤާނޫނީ ދާއިރާއަށް ވަނުމަކީ ގޯހެއްކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައި ވަނީ ބާކައުންސިލުން ބޭއްވި ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޤާނޫނީ ދާއިރާއާއި އަލަށް ގުޅިވަޑައިގެންނެވި ވަކީލުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ދުވަސްތަކަކީ އެބޭފުޅުން އުގެނިވަޑައިގެންނެވި ޢިލްމާއި ހުނަރު އަމަލީ މައިދާނުގައި ބޭނުން ކުރުމުގެ ފުރުޞަތުތައް ހުޅުވިގެން ދާނެ ދުވަސްތަކެއް ކަމަށާއި، ޤާނޫނީ ވަކީލުންނަކީ ވަރަށް ޒިންމާދާރު މަސައްކަތެއް ކުރަންޖެހިފައިވާ ބައެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ މުޖުތަމަޢުގެ ތެރޭގައި ވަކީލުންނާއި ގުޅޭ ގޮތުން ތަފާތު އެކި ވާހަކަ ދެކެވޭކަމަށާއި ގިނަ މުޖުތަމަޢުތަކުގައި ޤާނޫނީ ވަކީލުން ތަސައްވަރު ކުރެވިފައި ވަނީ މުޅި މުޖުތަމަޢުގެ މަންފާއަށް މަސައްކަތް ކުރާ ބަޔަކަށްވުރެ ބޮޑަށް އެބައެއްގެ މުއްސަނދިކަމާއި މާލީ ތަނަވަސްކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައިކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެބޭފުޅާގެ ނަޒަރުގައި ހަމައެކަނި މަލީ ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި މި ފަންނުގެ ތެރެއަށް ވަންނަ މީހަކަށް މި ފަންނުގެ ތެރެއަށް އެ ވަދެވެނީ ގޯސް ވިސްނުމެއްގެ މައްޗަށް ބަރޯސާވެވިގެންކަމަށާއި އެނިޔަތުގައި މި ފަންނަށް ވަންނަ މީހާ ވެގެންދާނީ ނާކާމިޔާބު މީހެއްކަމުގައިކަމަށެވެ.

"އަޅުގަނޑު މި ދަންވާ ވާހަކަ އަކީ މި މަސައްކަތުން ރަނގަޅު އާންދަނީއެއް ނުހޯއްދަވާށެކޭނޫން، އަޅުގަނޑު މި ދެންނެވި ބަހުގެ މުރާދަކީ މި ފަންނާއި ގުޅިވަޑައިގެންނެވި މައިގަނޑު ސަބަބަކީ އަމިއްލަ މާލީ ފުދުންތެރިކަން އިތުރު ކުރުން ކަމުގައި ވާނަމަ، އެކަންވެސް ކާމިޔާބު ނުވެ، މި ފަންނުގައި ކުރިއަރާ ދިއުމުގެ ފުރުޞަތުވެސް އެމީހަކަށް ގެއްލިގެން ދާނެކަން" އުއްތަމަ ފަނޑިޔާރު ވިދަޅުވެފައިވެއެވެ.

ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޤާނޫނީ ވަކީލުންގެ ސުލޫކީމިންގަނޑު ހިފަހައްޓަވާ ޚިދުމަތް ހޯދާ ފަރާތްތަކާއި ތެދުވެރިކަމާ އިޚުލާސްތެރިކަމާއެކު ޙިދުމަތް ކޮށްދެއްވުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވެފައި ވަނީ ޤާނޫނީ ވަކީލަކަށް ވުމުގެ ފަޚުރާއި ޝަރަފައެކު ޒިންމާތަކަކާއި މަސްޢޫލިއްޔަތު ތަކެއްވެސް ކޮނޑުގައި އެޅިގެންދާނެ ކަމަށާއި އެގޮތުން ތިމާގެ މަސައްކަތުގެ އަޚްލާގު ހިފެހެއްޓުމާއި ފަރުވާތެރިކަމާއި ހުޝިޔާރުކަމާ ތިމާގެ ވުވައްކިލުންނާއި މުޖުތަމަޢުގެ ޙައްޤުގައި މަސައްކަތް ކުރުމުގެ ޒިންމާ ކޮނޑުގައި އެޅޭކަމަށެވެ.

އެގޮތުގައި މަސައްކަތް ނުކުރެވިއްޖެނަމަ އެމީހަކު ވެގެން ދާނީ ހޭރި ނެތިގެން އުޅޭ ދޯންޏެއްފަދަ މީހަކަށް ކަމުގައި އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ރޭ ބާކައުންސިލުން ބޭއްވި ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 227 ވަކީލަކު ވަނީ ހުވާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ