ދވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރާ މާލަމުގައި ކުރިއަށްގެންދާ ޝަރީއަތްތައްވެސް ލައިވް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމާއި ގުޅިގެން ދެއްވި ވީޑިއޯ ހިތާބެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުންދަނީ ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ މާލަމުގައި ކުރިއަށްގެންދެވޭ ޝަރީއަތްތަކަކީވެސް ލައިވްކޮށްގެން ކުރިއަށްގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައި ހެދުމަށްކަމަށާއި، އެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ.
އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގައިވެސް، ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފުގެ ހިދުމަތް ދުކެނޑުމެންނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ކުރަމުން އަންނަކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެފައިވާއިރު، މި މަސައްކަތްތައް ކުރަމުން އަންނީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކުގައިކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
Chief Justice's message on the occasion of the 12th anniversary of the Supreme Court of the Maldives. https://t.co/ifoIf998zl pic.twitter.com/qVw5AKsTv5
— Supreme Court of the Maldives (@SCMaldives) September 18, 2020
އަދި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލައިލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައިކަންވެސް އުއްތަމަ ފަނޑިޔާރުވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު މިހިނގާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ހަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރުކަމަށާއި، އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ފަސޭހަކަމާއެކު އަދުލްއިންސާފަށް ވާސިލްވެވޭނެ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދާ އަދުލްއިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެ ގޮތެއް ނުވެ ދެމިތިބުން ކަމަށްވެސް އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިވާއިރު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ހިލޭ އެހީގެ ދަށުން ޖުޑީޝަރީއަށް އައިޓީ އިކިއުޕްމަންޓްސް ދާދިފަހުންވަނީ ހަދިޔާކޮށްފައެވެ. ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އައިޓީ އިކިއުޕްމަންޓްތަކާއި އޮފީސް 365 ގެ ލައިސަސްސާއި މިކޮމިޝަންގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިޔުމަށް ބޭނުންވާ ގިނަ އިކުއިޕްމަންޓްތައް ހަދިޔާކުރައްވާފައިވެއެވެ.
ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން ޖުޑީޝަރީއަށް އައިޓީ އިކިއުޕްމަންޓްސް ހަދިޔާކޮށްފި



