2012 އާއި 2018 އާއި ދެމެދުގައި ދައުލަތުން ނަގާފައިވާ ދަރަނިތަކުގެ ތެރޭގައި ޤާނޫނާ ހިލާފު 2 ދަރަނި ވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ، މަޖިލީހުން ވަނީ ދަރަންޔާ ގުޅޭގޮތުން މުޅި މަޖިލީހުގެ ދެތިން ބައްދަލުވުމެއް ބާއްވާ އަދި އެ ބައްދަލުވުމުގައި ކޮމިޓީ އަށް ވަނީ ކަމާ ގުޅޭ ގޮތުން ތަފާތު މައުލޫމާތު، ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ހިއްސާ ކުރައްވާފައި ކަމަށެވެ.
ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން ބަލަމުން މިދަނީ 2012 އާއި 2018 އާއި ދެމެދުގައި ދައުލަތުން ނަގާފައިވާ ދަރަނި ބެލެހެއްޓިފައި ހުރި ގޮތާއި ނެގުނުއިރުގައި ނެގިފައިހުރީ ސައްހަކޮށްތޯއާއި އަދި ނެެގިފައިވާ ދަރަނި ވަނީ ބެލެހެއްޓިފައިތޯއާއި އަދި އެ ނެގިފައިވާ ދަރަނި އަނބުރާ ދައްކަން ޖެހުނުއިރުގައި އަޅުގަނޑުމެންގެ މަލިއްޔަތާއި އާމްދަނީ ހުރި ގޮތާއި ގުޅޭ ގޮތުން ކަމަށެވެ.
"މުޅި ޖުމްލަ ދަރަނީގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަނީ މި 7 ބާވަތެއްގެ އެކައުންޓެއް. ފުރަތަމަ އެކައުންޓަކީ ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނި. މި ބާވަތުގެ 49 ލޯނު މިވަގުތު ދިރި އެބައޮތް. ދެވަނަ ބާވަތަކީ ބައިނަލްއަގްވާމީ ޖަަމާއަތްތަކާއި ޖަމިއްޔާތަކުން ނަގާފައިވާ ދަރަނި. އެ ބާވަތުގެ 124 ލޯނު މިވަގުތު ދިރި އެބައޮތް. ދެން މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކުރެވިފައިވާ ގެރެންޓީ. އެ ބާވަތުގެ 114 ގެރެންޓީ މިވަގުތު އެބައޮތް. ދެ މިވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލްތައް. އޭގެ އައުޓްސްޓޭންޑިން އަދަދު. ދެން މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާޑްރާފްޓް ގެ އަދަދު. ދެން މިވަނީ އެމްއެމްއޭ އިން ގަނާފައިފަވާ ލޯނާއި ގަނެފައިވާ ބޮންޑާއި އަދި ޓްރެޝަރީ ބިލް. ދެން މިވަނީ ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ބޮންޑް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން މުޅި ދައުލަތުގެ ދަރަނި ބަހާލީ 7 ބާވަތަކަށް ކަމަށާއި މި ދެންނެވި 7 ބާވަތުގެ ތެރެއިން 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދުގައި އުފައްދާފައިވާ ދަރަނި އުފައްދާފައިވަނީ ގާނޫނާއި އެއްގޮތައްތޯ އަކީ ކޮމިޓީ އިން ކުރި ސުވާލެއް އަދި ހިންގި ދިރާސާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޖުމްލަގޮތެއްގައި ގިނަ ދަރަނި އުފައްދާފައިވަނީ ގާނޫނާ އެއްގޮތައް ކަމަށާއި ނަމަވެސް މި ދަރަނިތަކުގެ ތެރެއިން ގާނޫނާ އެއްގޮތް ނުވާ ގޮތައް 2 ދަރަންޏެއް ވާކަމަށް މަޖިލީހަށް ފާހަގަވޭ ކަމަށް ނަޝިދު ވިދާލުވިއެވެ. އެއީ 14 ޖުލައި 2016 ގައި ހިންގާފައި އޮތް އަމަލަކާއި 31 މޭ 2017 ގައި ހިންގާފައި އޮތް އަމަލަކާއި އަނެއްކާވެސް 16 ޖުލައި 2017 ގައި ހިންގާފައި އޮތް އަމަލެއް ކަމަށް ވިދާޅުވިއެވެ.




