ކޮވިޑް– 19 އާއި ގުޅިގެން އޮލިމްޕަހުގައި ހަރަކާތްތައް ހިންގުން މެދުކަނޑާލުމަށްފަހު، އަލުން އޮލިމްޕަސް ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިއަދު ވިދާޅުވި ގޮތުގައި އައު އާންމު ހާލަތުގައި އެޗް.ޕީ.އޭ އިން އެކުލަވާލައްވާ އާންމުކުރައްވާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އޮލިމްޕަހުގައި ހަރަކާތްތައް ހިންގަވަން ބޭނުންފުޅު ފަރާތްތަކަށް އޮލިމްޕަސް ހުޅުވާލައިފައިވާކަމަށެވެ.
އެގޮތުން މިއަދު ފެށިގެން އޮލިމްޕަސް ހުޅުވާލައިފައިވާއިރު، ފަންނުވެރިންގެ ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުގެ ގޯތިތެރެއާއި ސްޓޭޖުން ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ގިނަ މަސައްކަތްތަކެއް ހުއްޓާލައިފައި އޮތުމަށްފަހު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގިނަ އޮފީސްތަކަކާއި އަމިއްލަ ވިޔަފާރިތަކާއި މަސައްކަތް ވަނީ ފަށާފައެވެ.
މާލެގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންގޮސް ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވް ވާމީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފައެވެ. އެގޮތުން އިއްޔެ ޓެސްޓުކުރި 1،801 ސާމްޕަލްއިން އެބައްޔަށް ޕޮޒިޓިވުވެފައިވަނީ 45 މީހެއްކަމަށް އެޗްޕީއޭ އިން ވަނީ ވިދަޅުވެފައެވެ.



