ހެލްތް މިނިސްޓަރ އަމީން / ފޮޓޯ:އަވަސް

ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުން މުރާޖަޢާ ކުރަނީ

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނިންމެވި ނިންމެވުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ، މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރތައް ހޯދުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއްކަމަށާއި، ނަމަވެސް އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރުން ލާޒިމްނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫންކަމަށެވެ.

އަދި މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް 01 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަންޖެހޭކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަމަށެވެ.

އަދި 75 ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 02 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައިވާއިރު، އެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވާކަމަށާއި ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގެން އޮތްކަމަށްވެސް އޭސީސީއިން ބުންޏެވެ.

މިމައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވެ، އެތަށް ބަޔަކު ފާޑު ކިޔަމުންދަނިކޮށް އަމީން ވަނީ މީގެ ހަތަރު ދުވަސްކުރިން އިސްތިޢުފާ ދެއްވާފައެވެ.

ހެލްތު މިނިސްޓަރ އަމީން އިސްތިއުފާ ދެއްވައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ