ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާބެހޭ އެއްބަސްވުމެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
އާއިލީ ތަރައްގީއާބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީ އަދި ޕީޖީ އޮފީހުގެ ފަރާތުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދު މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، މިފަދަ ކުށްވެރިންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓް މެދުވެރިކޮށް ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. މި މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެވެ.
މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން ގެންދަނީ އާއިލީ ތަރައްގީއާބެހޭ ވުޒާރާއާ ގުޅިގެން ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުގައެވެ. އެހެންނަމަވެސް މިއަދު ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން، އަޕްޑޭޓްކުރެވޭގޮތަށް އައު ޕޯޓަލެއް ތަރައްޤީކުރާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއްވިއެވެ.
ޕީޖީ އޮފީހުން އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެ ކަމަށެވެ. މި އައު ސިސްޓަމްގެ ސަބަބުން މިފަދަ ކުށްވެރިންގެ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބި، ކުޑަކުދިންގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.



