ކޮވިޑު-19ގެ ކޭސްތައް ސުޕެއިންގައި އަނެއްކާވެސް އިތުރުވާން ފެށުމާއި ގުޅިގެން އެގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.
މިއާއެކު ސުޕެއިނުންވަނީ ރޭގަނޑު 23:00 އިން ހެނދުނު 6:00 އާއި ހަމައަށް ބޭރަށް ނިކުމެ އުޅުން މިއަދުން ފެށިގެން މަނާކޮށްފައެވެ. މީގެއިތުރުން، އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުފަތުރުކޮށް އުޅުން މަނާކުރުމުގެ ބާރުވެސް އެހިސާބެއްގެ ރަސްމީ އިދާރާތަކަށްވަނީ ދީފައެވެ.
ސުޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މި އާފިޔަވަޅުތައް އިއުލާން ކުރަމުން ވިދާޅުވެފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް މިވަގުތު އިއުލާން ކުރިނަމަވެސް މިމުއްދަތު ހަ މަހަށް އިތުރު ކުރުމަށް ޕާލަމެންޓުގައި އެދޭނެ ކަމަށެވެ.
ސުޕެއިންއަކީ ކޮވިޑު-19 އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރުވެސް މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ގައުމެކެވެ. މިއަދު ކޮވިޑު-19ގެ ނުރައްކަލުގެ ދެވަނަ ރާޅެއް ސުޕެއިނަށް ކުރިމަތިވެފައިވާއިރު ސުޕެއިނުން އައްނަނީ ދުރާލައި މިކަމަށް ތައްޔާރު ވަމުންނެވެ.
ކޮވިޑު-19 އަށް ސުޕެއިނުން މިހާތަނަށްވަނީ 1,110,372 މީހުން ޕޮޒިޓިވުވެފައެވެ. މިބަލީގައި ސުޕެއިނުންވަނީ 34,752 މީހުން މަރުވެފައެވެ.




