މިދިޔަ އަންގާރަ ދުވަހު އިރުއޮއްސި އަނދިރިވި ގަޑީގައި ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި އެރަށު ފަރަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓް މިހާތަނަށް އައިއިރު ފުން ކުރެވިފައި ނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ފަރާތުން ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، "މާތޮޅި" ބޯޓް ފުންކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް އައިއިރު ކުރެވުނު މަސައްކަތުން އެކަން ކާމިޔާބުވެފައި ނުވާކަމަށެވެ.
"ބާޖުގައި އަދިވެސް 100000 (އެއްލައްކަ) ލިޓަރު ތެޔޮ އެބަހުރި. ބާޖުން ތެޔޮ ހުސްކުރުމުގެ މަސައްކަތް އެހެން އުޅަނދެއް ބޭނުންކޮށްގެން ބާޖުގެ ވެރިފަރާތުން އަންނަނީ ކުރަމުން." އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ބޯޓް ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑިއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ދިޔަވަރަށް ބަލައިގެން ހުއްޓުމެއްނެތި ބޯޓް ފުންކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އިރުއޮއްސި 06:44 ހާއިރު، ކާށިދޫ ފަރަށް މި ބޯޓު އަރާފައިވަނީ ދެލައްކަ ލިޓަރު ތެލާއެކުގައެވެ.