ފުރާންސުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލާ ބަންގުލަދޭޝްގައި ބޮޑު މުޒާހަރާއެއް

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާޓޫނު ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ފުރާންސުން ބުނެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާޓޫންތައް ފުރާންސުގައި އާންމު ކުރަމުންދާ މައްސަލައިގައި ފުރާންސުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލައި ބަންގުލަދޭޝްގައި މުޒާހަރާ ކޮށްފިއެވެ.

ބަންގުލަދޭޝްގެ އިސްލާމީ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން މިއަދު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި 40،000 ވުރެ ގިނަ މީހުން ބައިވެރިވެފައިވާނެކަމަށް ބެލެވޭ ކަމަށް ބަންގުލަދޭޝްގެ ފުލުހުން ވިދާޅުވިއެވެ. މުޒާހަރާގެ ބައިވެރިންވަނީ ފުރާންސުގެ މުދާތައް ބޮއިކޮޓު ކުރުމަށާއި އެގައުމުގައި ހުއްނަ ފުރާންސުގެ އެމްބެސެޑަރު ގައުމަށް ފޮނުވާލުމަށްވެސް ގޮވާލައިފައެވެ.

މުޒާހަރާގެ ބައިވެރިން އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ފުރާންސުގެ އެމްބަސީ ހުއްނަ ސަރަހައްދަށް މިސްރާބު ޖެހުމުން ފުލުހުންވަނީ މުޒާހަރާ ހުއްޓުވައިފައެވެ. މުޒާހަރާގައި ފުރާންސުގެ ރައީސް އިމާނުއަލް މެކްރޮންއަށް ރަމްޒުކޮށްދިނުމަށް ހަދައިފައިވާ ބުދެއްވެސްވަނީ ރޯކޮށްލައިފައެވެ. އަދި ފުރާންސުގެ ރައީސްއަކީ ޝައިތާނާއަށް އަޅުކަންކުރާ މީހެއް ކަމަށްވެސް މުޒާހަރާގައި ގޮވާފައި ވެއެވެ.

ފުރާންސުގައި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޖޯކުޖަހާ ކާޓޫން ކުރެހަމުންދާ މައްސަލައިގައި އެގައުމުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާތީވެ މުސްލިމް މެޖޯރިޓީ އޮއްނަ ގިނަ ގައުމުތަކަކުން އައްނަނީ ފުރާންސުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ. މިގޮތުން މެދުއިރުމަތީގެ ބަޔެއް ގައުމުތަކުގެ ބޮޑެތި ފިހާރަތަކުންވަނީ ފުރާންސުގެ މުދާތައް ވިއްކުން ހުއްޓައިލައިފައެވެ.

ފުރާންސުން މުސްލިމުން ރުޅިއެރުވުމަށް މީގެކުރިންވެސްވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޖޯކުޖަހައި ކާޓޫން ކުރުހައިފައެވެ. މިކަންތައް މިފަހުން ހައްދުފަހަނައަޅައި ގޮސްފައިވަނީ ފުރާންސުގެ ސްކޫލެއްގެ ޓީޗަރަކު މި ކާޓޫންތައް ދަރިވަރުންނަށް ދެއްކި މައްސަލައިގައި މި ޓީޗަރަށް ވަޅިން ހަމަލާދީ މަރާލުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ