4.5 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

ބޭންކް އޮފް ސިލޯން ކައިރިން 4.5 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބެންކްއަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ވެގެން ފޭރެން މަސައްކަތް ކުރި މައްސަލައިގެ ތުހުމަތުގައި ދެވަނަ މީހަކު ކޯޓުއަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާކަމަށެވެ. ފުލުހުން ވަނީ މި މައްސަލާގައި އޮކްޓޫބަރު 27 ވަނަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައެވެ.

ބަޔަކު ވެގެން ރޫޓް ފިހާރައިގެ 4.5 މިލިއަން ރުފިޔާ މަގުމަތިން ފޭރެން މަސައްކަތް ކޮށްފައި ވަނީ އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައި ވަނީ ބެންކް އޮފް ސިލޯން ކައިރީގައެވެ.

ފޭރެން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.

ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.

އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ