ފުރާންސާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ސަރުކާރަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ފުރާންސު ސަރުކާރުގެ ފުރިހަމަ ތާއީދާއެކު ފުރާންސުގައި ކީރިތި ރަސޫލާ މުހައްމަދު  ސައްލަﷲ އަލައިހި ވަސައްލަމް އަށް ކާޓޫން ކުރަހައި ހިނގަމުންދާ އަމަލުތަކާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ދިވެހި ސަރުކާރަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ އިސްލާމް ދީނާއި ދެކޮޅަށް ފުރާންސުން ހިންގަމުން ގެންދާ ޢަމަލުތައް ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލައިފައިވަނީ ފުރާންސުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ ޢަމަލުތަކާއި ދެކޮޅަށް ތެދުވެ ބަސް ބުނުމަށެވެ.

މީގެއިތުރުން، މިފަދަ ޢަމަލުތައް ހިންގަމުން ގެންދާ ޖަމްޢިއްޔާތައް ރާއްޖޭގައިވެސް އިތުރުވަމުން ދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅު
ކޮށްފައި ވެއެވެ. ރާއްޖޭގައި މިފަދަ ޢަމަލުތައް ހިނގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތުން އެޅުމަށްވެސް ސަރުކާރަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލައިފައި ވެއެވެ.

ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ ޝާއިޢުކޮށް އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ޢަމަލުތައް ހިންގަމުން ގެންދާއިރު އެކަމަށް އެޤައުމުގެ ސަރުކާރުން އަދި ވަކިން ހާއްސަކޮށް ފްރާންސްގެ ރައީސް ތާއީދު ކުރެއްވުމަކީ މިކަމަށް ހިތްވަރުދީ އިތުރަށް ހާލަތު ގޯސްކުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުރާންސުގައި އިސްލާމު ދީނާއި ދެކޮޅަށް ފާޅުގައި މިހާރު ހިނގަމުންގެންދާ ހަރަކާތްތަކާއި ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކަކުން އަންނަނީ ފާޑުކިޔަމުންނެވެ. މިގޮތުން ބަޔެއް ގައުމުތަކުގައި ފުރާންސު ސަރުކާރުގެ އަމަލުތައް ކުއްވެރިކޮށް ބޮޑެތި ހިނގާލުންތައްވެސް ބާއްވައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ