މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާނެކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ތަޤްރީރުކުރައްވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަދެކެވޭ މައްސަލަތަކުގެ ތެރޭގައި ޤައުމުތަކުގެ އެތެރޭގެ ބައެއް މައްސަލަތަކާއި އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ އެކިއެކި މައްސަލަތައް ހިމެނެއެވެ.
"މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.
މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.
"ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ފާހަގަކުރައްވާފައިވޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި މެއި މަހުގެ 31ގައި ފެށި މި ސަމިޓުގެ މަޤުޞަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާ އަދި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
ކޮންމެ 3 އަހަރަކުން އެއްފަހަރު ބާއްވާ މި ސަމިޓުން މުސްލިމު މެޖޯރިޓީ ޤައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތުގެ އެކިއެކި ކަންކަމުގައި އެޤައުމެއްގެ ވިސްނުންހުރިގޮތް ހިއްސާކުރެއްވުމާއި، އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޤައުމުތަކުގެ އިސްވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް ތަނަވަސްވެގެންދެއެވެ.



