"މަޖިލީހުގައި ޝަހިންދާ ބައިވެރިކުރުމަކީ ދީނަށާއި ދިވެހިންނަށްކުރި ފުރައްސާރައެއް"

ލާދީނީ ރިޕޯޓު ލިޔުނު ޝަހިންދާ މަޖިލީހުގައި ބައިވެރިކުރުމަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމުގައި މަދަނީ 26 ޖަމިއްޔާގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިޙާދުން ދެކޭކަމަށް އެ އިއްތިހާދުން ވިދާޅުވެއްޖެއެވެ.

ޝަހިންދާ އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ ފޯރަމްގައި ބައިވެރިކުރުމާއިގުޅިގެން ރައްޔިތުންގެ އިއްތިހާދުން ނެރުނު އިންކާރީ ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނުގެ އަސްލުތަކަށް އިންކާރުކޮށް، ލޮބުވެތި ރަސޫލާ އަށް ފުރައްސާރަކުރި ރިޕޯޓު ލިޔުނު އެމް.ޑީ.އެންގެ ޝަހިންދާ އިސްމާޢީލް ރައްޔިތުންނަށް ފިލައިގެން އުޅެނިކޮށް ރައްޔިތުންގެ މަޖިލީހުގެ ފޯރަމްގައި ބައިވެރިކުރުން ކުށްވެރިކުރާކަމަށެވެ.

އެ އިއްތިހާދުން ވިދާޅުވީ ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި މާތް ﷲ އަށް ކާފިރުވެ އެހެން ދީންތަކަށް އުޅުމުގެ ފުރުޞަތު ދިނުމަށް ގޮވާލައި ކުފުރުގެ ރިޕޯޓު ނެރުނު ލާދީނީ އެމް.ޑީ.އެންގެ ޖަރީމާ ހިންގި މީހުންނަށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ރައްޔިތުން ތެދުވެ އެމަސައްކަތުގައި އުޅޭތާ އަހަރު ފުރިގެން ދަނިކޮށް، 27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އިންތިޤާލީ އިންސާފުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދާ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މަޤާމުގެ ބާރާއި ނުފޫޒު ނަހަމަގޮތުގައި ހިއްޕަވައިގެން މުޅި މަޖިލީސް ތަމްސީލުވާނޭހެން ޝަހިންދާ އިސްމާޢިލް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ބައިވެރިކުރި ކުރުމަކީ، އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމުގައިދެކޭކަމަށެވެ. އަދި އެކަމަށް އިންތިހާއަށް އިންކާރުކޮށް އެންމެ ހަރުކަށި
ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މި ޢަމަލަކީ، ފުލުހުން ހޯދަމުންދާކަމަށް ބުނެ އިއުލާނު ކޮށްފައިވާ އެމް.ޑީ.އެންގެ ބޮޑުންގެ ތެރެއިން ޝަހިންދާ އިސްމާޢިލް އަށް ފުރުސަތު ދޭންވެގެން ގަސްތުގައި ކުރިއާލާ ރާވައިގެން ފޯރަމެއްގެ ނަމުގައި ލާދީނީ ވިސްނުމުގެ ގާތް އަޢުވާނުންކޮޅެއް ހިމަނައިގެން ރައްޔިތުން ރުޅިއަރުވައި ޖެއްސުންކޮށް ޤައުމު ހަލަބޮލި ކުރުމަށް މިދަނޑިވަޅުގައި ހިންގި ހުތުރު ޢުދުވާނެއް ކަމަށް ދެކޭކަމަށްވެސް އެ އިއްތިހާދުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

" މިހެން ދަންނަވަނީ ޝަހިންދާ އިސްމާޢީލަކީ، މާތް ﷲ 7 އުޑުމަތިން ބާވައިލައްވާފައިވާ ޒިނޭކުރުމުގެ ޙައްދު ރާއްޖޭގެ ޤާނޫނު ޢުޤޫބާތުން ފޮހެލުމަށާއި، ކީރިތި ޤުރްއާނުގައި ޞަރީޙަކޮށް ބަޔާންކުރައްވާފައިވާ މަރުގެ އަދަބު ވެސް އުވާލުމަށާއި، މާތް ﷲ ގެ އެނޫން ޙުކުމްފުޅުތަކާއި އިސްލާމްދީނުގެ އެހެނިހެން ޙައްދުތަކަށް ފާޅުގައި އިންކާރުކޮށް "އިންސާނީ ޙައްޤުތަކުގެ" ނަންބޯޑު ހިފައިގެން ހުރެ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނާއި ޤަވާއިދަށް ތަކުރާރުކޮށް ގޮންޖަހައި މުސްލިމު މުޖުތަމަޢު ފަސާދަކުރަން މަސައްކަތް ކުރާ މީހެއްކަން ހާމަކަން ބޮޑުކޮށް އެނގި ފައުޅުވާން ހުރިއިރު، އެމް.ޑީ.އެންގެ ރިޕޯޓާ ގުޅިގެން ދިވެހިރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިންނާއި ރައީސުލްޖުމްހޫރިއްޔާއާއި 140 ކައުންސިލާއި މަދަނީ ޖަމިއްޔާތަކުން ނިކުމެ އެޖަމާޢަތް އުވާލައި، އޭގެ މުއައްސިސުންނަށް ފިޔަވަޅު އަޅަން އަޑު އުފުލަމުން ދިޔައިރު މަޖިލީހުގެ ރައީސް މަޤާމުގައި ހުންނަވައިގެން މީގެ 10 މަސްކުރިން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ، "އާސްކް ސްޕީކަރ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެމް.ޑީ.އެން އުވާލައިގެން ނުވާނެ ކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް ޙިމާޔަތް ދިނުމަށް ފާޅުގައި ގޮވާލި ގޮވާލުން ދިވެހިން އަދިވެސް ހަދާން ހުރީތީ އެފަދަ ބުނުންތަކަށް ރިޢާޔަތްކުރާ ޙާލުގައެވެ " ރައްޔިތުންގެ އިއްތިހާދުން ވިދާޅުވިއެވެ.

އެހެންކަމުން އޭރުގެ އެގޮވާލުމާއި އަދި 27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހުރޭގެ މަޖިލިސް ފޯރަމްގައި ޝަހިންދާ ބައިވެރިކުރި ކުރުމަކީ އޭނާގެ ޖަމާޢަތުން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުއްޓަސް އެއީކީ މައްސަލައެއް ނޫންކަމަށް މަޖިލީހުން ދެކޭކަން ބޭރުގެ ދުނިޔެއަށް ދައްކައި، މި އިސްލާމީ ދަޥްލަތުގެ ނަމާއި ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ކިލަނބު ކުރުމަށް ހިންގި ޤާނޫނާއި ޚިލާފު ނޭއްގާނީ ޢަމަލެއް ކަމުގައިވެސް އެ އިއްތިހާދުން ވަނީ ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ އިއްތިހާދުންވަނީ މާތް ﷲ ގެ ދީނާއި އެކަލާނގެ ނަބިއްޔާ އަށް ފުރައްސާރަ ކުރި މީހަކު ބައިވެރިކޮށްގެން ރައްޔިތުންގެ މަޖްލީހުގައި މިހިންގި ލާދީނީ ޖަރީމާ ހިންގި ފަރާތްތަކާއި މެދު ތަޙުޤީޤް ހިންގައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އަދި އެފަދަ ފަސާދަ ކުރަނިވި ފިތުނަތައް ދެން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި، މާތް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔަށް ވަފާތެރިވެ އެކަން ސާބިތުކޮށް ދެއްވުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ކިބައަށްވެސް އެ އިއްތިހާދުން ނެރުނު ބަޔާނުގައިވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ