މަސްތުގެ ހާލުގައި ހުރެ މާތް ﷲ އަށް ފުރައްސާރަކުރި ބިދޭސީ މީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް މަދަނީ 26 ޖަމިއްޔާގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިޙާދުން ބަޔާނެއް ނެރެފިއެވެ.
ރައްޔިތުންގެ އިއްތިހާދުންނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މަތީގައި މަސްތުވެގެން ހުރި ބޭރު މީހަކު، ޢާލަމްތަކުގެ ވެރި ހުސްޠާހިރުވަންތަ އިލާހަށް ފުރައްސާރައިގެ ކުފުރުގެ ބަސްތައް ރައްދުކޮށްފައިވާކަމީ އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި އެއްވެސް މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
"މިވަރުގެ ކަމެއް ހިނގައި ދިޔައިރު ދަވްލަތުގެ ދީން ޙިމާޔަތް ކުރަން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި އެއްވެސް ބަޔަކު ހަމަ އެކައްޗެކޭ ވެސް ނުބުނެ ތިބިތި ތިބުމަކީ މާތް ﷲ އާއި އެކަލާނގެ ދީނުގެ ޙައްޤުގައި ވެފައިވާ އެންމެ ނުބައި ދަރަޖައިގައި ހިމެނިގެންދާ ވަރުގެ ޚިޔާނާތެއް ކަމުގައި މެނުވީ ނުވާނެ" އެ އިއްތިޙާދުން ވިދާޅުވިއެވެ.
އަދި އެއީ ދިވެހިންގެ ޘަޤާފަތާއި އާދަކާދައަކަށް ވެސް ވެވޭ ބޭވަފާއެއް ކަމުގައި ރައްޔިތުންގެ އިއްތިޙާދުން ޞިފަ ކުރާކަމަށާއި މުސްލިމުންގެ ޙައިޘިއްޔަތުންނާއި ދިވެހި ދަވްލަތުގެ ޙައިޘިއްޔަތުންނާއި ސިޔާސީ ޕާޓީތަކުގެ ޙައިޘިއްޔަތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޙައިޘިއްޔަތުންނާއި އަދި އަމިއްލަ ފަރުދީ ޙައިޘިއްޔަތުން ވެސް މިކަމާ އިންކާރުކޮށް އަޑުއުފުލައި އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް ބާރު އެޅުމަކީ މިވަގުތު އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ދީނީ އަދި ޤަވްމީ ވާޖިބެއްކަމަށްވެސް ރައްޔިތުންގެ އިއްތިހާދުންވަނީ ވިދާޅުވެފައެވެ.
ބިދޭސީއަކު މާލޭ މަގުމަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދަނީ ވަރަށް ބާރަށް ދަޢުރުވަމުންނެވެ. މި ވީޑިއޯ ދަޢުރުވާން ފެށުމާއެކު ގިނަ ފަރާތްތަކަކުން ދަނީ މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޤައުމުގައި މިހިނގާ ލާދީނީ ހުރިހާ ކަމެއްވެސް ގޮސް މި ނިމެނީ އެމް.ޑީ.އެން އާއި އެޖަމާޢަތުގެ ފިކުރުގެ މީހުންނާ ރާއްޖޭގެ މުއައްސަސާތަކުން ޤާނޫނީ ފިޔަވަޅު ނާޅައި ލަސްކުރަމުންދިޔަ އަދި ލަސްކުރަމުންދާ ލަސްކުރުމާ ކަމަށް އެ އިއްތިޙާދުންވަނީ ވިދާޅުވެފައެވެ.
އެގޮތުން 10 ޑިސެންބަރ 2011 ގައި މަދު ބަޔަކު ހެދިގޮނޑުދޮށަށް އެއްވެ މާތް ﷲ އަށް ޝިރުކު ކުރުމަކީ ވެސް ޙައްޤެއް ކަމަށް ޞިފަކޮށް އެކަން ކުރުމުގެ ހުއްދައަށް އެދި ގޮވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެބައިމީހުންނާ މެދު ވެސް އެއްވެސް ދަޢުވާއެއް އުފުލައި ފިޔަވަޅެއް އެއްވެސް ފަރާތަކުން އަޅާފައެއް ނުވާކަމަށް އެ އިއްތިޙާދުން ވިދާޅުވިއެވެ. އެހުރިހާ އެންމެހެން ގުޅި ލާމެހިފައިވަނީ ލާދީނީ އެން.ޑީ.އެން އާއި އެމީހުންގެ ޖަމާޢަތާކަމީ އޮޅުމެއް އޮތް ކަމެއް ނޫންކަމަށާއި އަދި މިފަހުން ފެނިގެން ދިޔަ ހަރުކަށި ފިކުރާއި ހައްދުފަހަނަ އެޅުމާ މީޑިއާ ހޭލުންތެރިކޮށް ބޭއްވި ވެބިނަރ ގައިވެސް ހެދިގޮނޑުދޮށުގައި ކުފުރުވުމުގެ ހުއްދޭން އެދިގޮވަމުން ނިކުތް މީހުންގެ ތެރެއިން މީހުން ބައިވެރިކޮށްފައިވާކަން މިއީ މިކަމުގެ އަލިގަދަ ހެއްކެއްކަމަށް އެ އިއްތިޙާދުން ވިދާޅުވިއެވެ.
އެއިއްތިހާދުން އިތުރަށް ވިދާޅުވީ ކުފުރުގެ ރިޕޯޓު ލިޔުނު އެމް.ޑީ.އެން އާއި އެއަށް ތާޢީދުކޮށް އަދި ޒިނޭކުރުން ހުއްދަކުރަން އަޑުއުފުލާ އުތެމަގެ ތަޙްޤީޤު ފޯރާފައިވާ ހިސާބު ލިޔުމުން ހޯދުމަށް ޕީ.ޖީގެ ލަފާގެ މަތިން އެދި ރައްޔިތުންގެ އިއްތިޙާދުން ކުރި މަސައްކަތަށް ހުރަސް އެޅިގެން ދިޔަދިޔުން ވެސް މިކަމުގެ ޢަލާމާތަކަށް ފުދޭކަމަށެވެ.
ވީމާ، ދިވެހި އެންމެހާ ރައްޔިތުން މިކަމާ މެދު ހޭވެރިވެ ތިބެ، ރާއްޖޭގެ މިނިވަންކަމާއި އަމަންއަމާން ކަމާއި އިސްތިޤްލާލު އެއާ ވަކި ނުކުރެވޭ މިންވަރަށް ގުޅިލާމެހިފައިވާ އިސްލާމް ދީނާއި ޤާނޫނީ ބާރު ކަނޑުވާލަން ހިންގޭ ކަންކަމާ ދެކޮޅަށް އައު ހިތްވަރަކާ އެކީ ތެދުވުމަށާއި އަދި މިހާތަނަށް ކުރަމުން މިއައި ދީނީ އަދި ޤާނޫނީ މައްސަކަތްތައް އިތުރުކޮށް، ހަލުވިކޮށް، ބާރުވެރި ކުރުމަށް އަވަސްވެވަޑައިގަތުމަށްކަމަށް ރައްޔިތުންގެ އިއްތިޙާދުން ވަނީ ގޮވާލައްވާފައެވެ.
އެހެން ނޫންނަމަ މާތް ﷲގެ ޙަޟްރަތުން އަންނަ ކޯފާއާއި ޢަޛާބުގައި މުޅި ޤައުމު ހަލާކުވެގެން ހިނގައިދާނެކަމަށާއި އެކަލާނގެ ކޯފާއަކީ ހަމައެކަނި މަތިން އޮއްސަވާ ގިނި އަލިފާނާއި، ތޫފާންތަކުގެ ސިފައިގައި އަންނަ އެއްޗެއް ނޫންކަމަށާއި އެކީ އެކިއެކި ޞިފަޞިފައިފައި އެކަލާނގެ ކުރިމަތި ކުރައްވައިފާނެ އެއްޗެއްކަމަށް ރައްޔިތުންގެ އިއްތިޙާދުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މީހާ ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުން ދޭތޯ ސުވާލުކުރުމުން ފުލުހުންގެ ފަރާތުން މިހާތަނަށް މިކަމަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.