ފަލަސްތީނުގެ ކުދިންތަކެއް ކިޔަވަނީ. ޔޫރަޕުން ކްލާސްރޫމް ހަދިޔާ ކުރީ 49 ދަރިވަރުން ބޭނުން ކުރުމަށް - ފޮޓޯ: ދަ ގާޑިއަން

ފަލަސްތީނުގެ ކުދިންނަށް ހަދިޔާކުރި ދެ ކްލާސްރޫމު އިޒްރޭލުން ނީލަމުގައި ވިއްކާލަނީ

ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ފަލަސްތީނުގެ ކުދިންނަށް ހަދިޔާކުރި ދެ "ޕްރީފެބްރިކޭޓެޑް" ކްލާސްރޫމް ނީލަމުގައި ވިއްކާލަން އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ނިންމައިފިއެވެ.

އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ އިބްޒިގް ގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވާ އުމުރުގެ 49 ކުއްޖަކަށް ހަދިޔާކޮށްފައިވާ މި ކްލާސްރޫމްތައް، ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަތުމަށް އިޒްރޭލުން އުފައްދާފައިވާ އިދާރާ "ސިވިލް އެޑްމިނިސްޓްރޭޝަނުން" އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 

އެ ކްލާސްރޫމުތައް އަތުލައިގަތުމުން ގުދުސް އާއި ރާމަﷲ އަށް ކަނޑައަޅާފައި ހުންނަ އީޔޫގެ މިޝަނުން އެކަން ކުށްވެރި ކުރި އެވެ. އަދި އެ ކްލާސްރޫމުތައް ކުރިން ހުރި ތަނުގައި އަލުން ބެހެއްޓުމަށް ވެސް އިޒްރޭލަށް ގޮވާލި އެވެ.

އިޒްރޭލުގެ ނޫސް މާރިވްގައި ޖަހާފައި އިޝްތިހާރެއްގައި ބުނެފައި ވަނީ އެ ދެ ކްލާސްރޫމު ނީލަން ކިޔުން އިންނާނީ ސިވިލް އެޑްމިނިސްޓްރޭޝަނުގެ އޮފީހުގައި ކަމަށެވެ. 

ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކުގައި ފަލަސްތީނުގެ މީހުންނަށް ކޮންމެވެސް ވަރެއްގެ މިނިވަންކަން ލިބެ އެވެ. އެކަމަކު ގިނަ ސަރަހައްދުތަކުގައި މީހުން އުޅެނީ އިޒްރޭލުން ހުއްދަ ނުހޯދާ ކަމަށް ބުނެ، އެގައުމުން އަބަދުވެސް ދަނީ މީހުންގެ ގެތައް ސުންނާފަތި ކުރަމުންނެވެ.

ފަލަސްތީނުގެ އަތުން ވެރިވަގަތް ބިމުގައި ދިރިއުޅެން އިޒްރޭލުގެ 400،000 އަށް ވުރެ ގިނަ މީހުން ވަނީ ހުޅަނގު އައްސޭރިއަށް ބަދަލުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ