ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނުގައި ކުރިޔަށް ދާކަމުގައި އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ އެ ކުންފުނިން ކުރިޔަށް ގެންދާ މަޝްރޫޢު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެކުކަމަށެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 12 ޖޫން 2019 ގައެވެ.

ރ. ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫޢުވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއިއެވެ. މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތުގެ އަގަކީ 37.8 މިލިއަން ރުފިޔާއެވެ.



