ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، މިއަދު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތާ ބެހޭ ކަންކަމާއި، ކައުންޓަރ-ޓެރަރިޒަމާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލަމާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިއްމު ދައުރުގެ ސަބަބުން ޚާރިޖީ އަދި ދިފާޢީ ދާއިރާ ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލްވެސް ބައިވެރިވެވަޑައިގަތެވެ.