މިއަދު ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަމާއި ވަޞީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
32 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި މާރިޔާ ދީދީ ދެއްވި ޚިތާބުގައި ވިދާޅުވީ، 1988 ވަނަ އަހަރުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ތާރިހުގެ ކަޅު ސަފްހާއެއް ކަމަށާއި އެއީ، ބޭރުގެ ބަޔަކު އައިސް ދިން ޢުދުވާނީ ޙަމަލާއެއްގައި ކުށެއް ނެތް އެތައް ބަޔަކު ޒަޚަމްވެ، 19 ދިވެހިން ޝަހީދުވެގެންދިޔަ ދުވަސް ކަމަށެވެ.
3 މޮވެމްބަރުގެ ހާދިސާ ކުރިމަތިވިއިރު، ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅާބަލާއިރު ވަރަށް ތަފާތު ކަމަށާއި އެހެނަސް އެދުވަހު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ އަބްޠާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ހައްގު ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ސާބަސް ޙައްގު. ހަމަ އެހެންމެ، 3 ނޮވެމްބަރުގައި، އޭރުގެ ސަރުކާރުން އަވައްޓެރި އިންޑިއާގެ އެހީތެރިކަމަށް އެދުމުން، އެޤައުމުން އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި އިންޑިއާއަށް، މި ފުރުސަތުގައި، ޝުކުރު އަދާކުރަން." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށާއި މިއަދު ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަމާއި ވަޞީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފައި ކަމަށެވެ.
ހަމަ އެއާއެކު، ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ލޯތްބާއި މަޤްބޫލުކަންވެސްވަނީ އިތުރުވެފައި ކަމަށާއި މިކަމަށްޓަކައި ރައީސް ޞާލިހަށާއި ސިފައިންގެ ލީޑަރޝިޕަށާއި އެންމެހާ ސިފައިންނަށް ތަހުނިޔާ އާއި ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.