އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިގޮތަށް ވިދާޅުވެފައިވަނީ އައްޑޫސިޓީގެ ހޯމް ކަރަންޓީނަށް އައި މީހަކު ކަރަންޓީނު އުސޫލާއި ޚިލާފުވެފައިވަނިކޮށް އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބޮޑު ކޮމިއުނިޓި ސްޕްރެޑަކަށް ހިނގައިދާނެކަމުގެ ބިރު ހީވެފައިވަނިކޮށެވެ.
އެޗްއީއޯސީއިން ވިދާޅުވީ، އައްޑޫ ސިޓީއިން ކަރަންޓީނު އުސޫލާއި ޚިލާފުވި މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، ނަމަވެސް ސާމްޕަލްގެ ނަތީޖާ ކަށަވަރުނުވާތީ އޭނާގެ ދެވަނަ ސާމްޕަލްއެއް ނަގަން ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން މި ކޭސްއާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސިން ހަދަމުންދާކަމަށްވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑަކީ އެ އެޖެންސީ ބަލަންޖެހޭ ވަކި ކަންތައްތަކަކަށް ބެލުމަށްފަހު ކަނޑައަޅާ ކަމެއް ކަމަށާއި ނަމަވެސް އައްޑޫގައި މިވަގުތު އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މިކޭސްއާއި ގުޅިގެން އައްޑޫ އަށް އޭގެ އެއްވެސް ރިސްކެއް ނެތްކަންވެސް އެޗްޕީއޭ އިންވަނީ ފާހަގަކުރައްވާފައިވެއެވެ.
ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ހޯމްކަރަންޓީނަށް އައްޑޫ ސިޓީއަށް އައި މިމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން މިއަދު އެނގިފައިވަނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.
ނަފްސާނީ ބައްޔަކަށް އޭއީޗްގައި އެމީހާއަށް މިހާރު ފަރުވާދެމުންދާއިރު، އޭނާ ރަށަށް އައިފަހުން ދިމާވި ސިއްޙީ މައްސަލަތަކާއި ގުޅިގެން ޢާއިލާގެ އެތައް ބަޔަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާކަމަށްވެސް އިތުބާރުހުރި މަސްދަރަކާއި ޙަވާލާދީ އައްޑޫ އޮންލައިގައި ބުނެފައިވެއެވެ.




