ކެންޑަލްގެ އުފަންދުވަހު ގިނަ އަދަދެއްގެ މީހުންނާއެކު ޕާޓީ ބޭއްވުމުން އާއްމުން ރުޅިގަދަވެއްޖެ!

މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން"ގެ ތަރި ކެންޑަލް ޖެނާގެ އުފަންދުވަސް މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރުމަށް، ކޮވިޑް-19ގެ ޕެންޑެމިކްގައި ގިނަ އަދަދެއްގެ މީހުންނާއެކު ޕާޓީ ބޭއްވުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ކެންޑަލް އަށް ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.

ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕާޓީގައި ސަތޭކައެއްހާ ގެސްޓުން ބައިވެރިވެފައިވެއެވެ. އޭގޮތުން މަޝްހޫރު ސެލެބްރިޓީންގެ ތެރެއިން ޖަސްޓިން ބީބާ، ހެއިލީ ބީބާ، އަދި ކެންޑަލްގެ ދައްތަ ކިމް އާއި ކައިލީވެސް ބައިވެރިވެފައިވާކަމަށް ވަނީ ހާމަވެފައެވެ. އަދި މި ޕާޓީގެ ތެރެއިން އާއްމުވެފައިވާ މަންޒަރުތަކުން ޕާޓީގައި އުޅުނު މީހުން މާސްކް ނާޅާ ތިބުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުން ވަނީ ކެންޑަލްއަށާއި އޭނަގެ އާއިލާއަށް އަމާޒުވެފައެވެ.

ނަމަވެސް ކެންޑަލް ދިފާއުކޮށް، އޭނަގެ މަންމަ ކްރިސް ޖެނާ ވަނީ ވާހަކަދައްކާފައެވެ. އެގޮތުން ޕާޓީއައި އައި ހުރިހާ ގެސްޓުންވެސް ޕާޓީއަށް އައުމުގެ ކުރިން ކޮވިޑަށް ޓެސްޓުކޮށްފައިވާކަމަށް ކްރިސް ވަނީ ބުނެފައެވެ. އަދި ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ކޮންމެ މީހަކުވެސް އެއްގަޑިއިރު މަޑުކުރަން ޖެހުނު ކަމަށް ކްރިސް ވަނީ ބުނެފައެވެ.

ކެންޑަލްއަށް ފާޑުކިޔުންތައް އަމާޒުވީ ދާދިފަހަކުން އޭނަގެ ދައްތަ ކިމް ކާޑޭޝިއަންވެސް ވަރަށް ސިއްރުގޮތަކަށް ޕްރައިވެޓް ރަށެއްގައި އޭނަގެ 40 ވަނަ އުފަންދުވަސް ފާހަގަކޮށްފައި ވަނިކޮށެވެ. އަދި ކަންޑަލްއަށް މި މަހުގެ ތިން ވަނަ ދުވަހު އެ ފުރުނީ 25 އަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ