މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބެންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓް ގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ފައިސާ ފޭރުނު މީހުން ހުއްޓުވައި އެ ފޭރުން ނާކާމިޔާބު ކޮށްލި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ސެކިއުރިޓީ ގާޑު އަޙްމަދު ހަސަން މަނިކުގެ އަގުވަޒަންކޮށް ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުން ދީފިއެވެ.
އެކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އަޙްމަދު ހަސަން މަނިކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
އަގު ވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައި އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ހަސަން މަނިކުގެ ޖެހިލުންކުޑަކަމާއި ހިތްވަރު ފާހަގަ ކުރައްވައި އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިންގެ ތެރޭގައި މަދުންނަމަވެސް މިކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭ ކަމުގައި ފާހަގަކުރައްވައި މިފަދަ ބޮޑެތި ހާދިސާ ތަކުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަނީ ފާހަގަ ކުރައްވާފައެވެ. މިކަމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ނަވީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ބައެއް އޮފިސަރުންނާއި، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން ރޫޓްގެ ފަރާތުން ބައިވެރިވިއެވެ.




