މ. މުލި އާއި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާ އެކަން އިއުލާން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއުއްޒު މިފަދައިން ވިދާޅުވީ، 2021 ވަނަ އަހަރު މ. މުލި އާއި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށާއި އަދި ބ. ތުޅާދޫގައިވެސް އެއާޕޯޓް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވުމާއި ގުޅިގެންނެވެ.
މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުލި އަދި ބިލެއްފަހި އެއާޕޯޓް އެއީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވާ އެމަނިކުފާނު އިއުލާން ކުރައްވާފައިވާ އެއާޕޯޓް ތަކެއް ކަމަށެވެ.
"މުލީގައި ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ނިންމެވި. ބިލެއްފަހީގައި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓުއަރިޒަމް ހިމެނޭގޮތައް މެގަ ޕްރޮޖެކްޓްގެ މާސްޓަރ ޕްލޭން ހެއްދެވި." މުއިއްޒު ވިދާޅުވިއެވެ.
Muli, Billefahi Airport eyee Raees Yameen kuriyah gendhan nimmavaa emanikfaan iulaan kuravvaafaivaa airport thakeh. Muli ga airport elhumah Muli bin hikkumuge mashroou fattavaa nimmevi. Bileffahi bin hikkummaa Airport adhi tourism himeneygothah mega project ge masterplan hehdhevi https://t.co/VuX7hG1xC9
— Dr Mohamed Muizzu (@MMuizzu) November 13, 2020
މުލީގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ޔާމީން އިއުލާން ކުރެއްވީ، މުލީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި ބިލެއްފަހީގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ޔާމީން އިއުލާން ކުރެއްވީ، ބިލަތްފަހީ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި 2018 ވަނަ އަހަރުގެ ޖުަލައި މަހުއެވެ.




