ރައީސް ޞާލިޙްގެ ފާއިތުވެދިޔަ ދެ އަހަރުގެ ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ސިފައިންގެ މުއައްސަސާ ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިމާކުރުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކޮށް މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި މުޅި އެމްއެންޑީއެފް އިން އެކަމަނާއާއެކު ފާއިތުވި ދެ އަހަރުގައި ކުރެއްވި މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށް ސިޔާސީ ހުރިހާ ނުފޫޒަކުން ދިފާއީ ބާރު އެއްކިބާކުރުން ކާމިޔާބުވެއްޖެކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސިފައިން ކޮންމެ ހަފްތާއަކު ނެރެމުން އަންނަ އައްޑަނަ މަޖައްލާގެ މި ހަފްތާގެ އަަދަދަށް ލިޔުއްވާފައިވާ ލިޔުމެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރިގެންދާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ސިޔާސީ ހުރިހާ ނުފޫޒަކުން ދިފާއީ ބާރު އެއްކިބާކުރުމަށް ކަމަށެވެ.
It’s been 2yrs! Grateful to HEP @ibusolih for the trust. Appreciate @CDFofMNDF & all at @MNDF_Official for having made my enormous task easier. Together we’ve succeeded in de-politicizing MNDF, making it more democratic, professional & improving its operational capacity #Respect
— Mariya Didi ???? (@MariyaDidi) November 17, 2020
މާރިޔާ ވިދާޅުވީ، އެމްއެންޑީއެފް އިން ވާނީ އަސްކަރީ އަދުލްގެ ނިޒާމެއް ގާއިމްކޮށްފައިކަމަށާއި، އަދި ހަަމަ އެހެންމެ ސިފައިންނާއި ފުލުހުންގެ ވެލްފެއާގެ ކަންކަން އެއްގޮތްކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ސިފައިންނަށް ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރުވެސް ވާނީ ރަނގަޅުކޮށްފައިކަމަށެވެ.
ކޮވިޑް-19 ގައި ސިފައިން ހަރަކާތްތެރިވިވުން ފާހަގަކޮށް މިނިސްޓަރ މާރިޔާ ވިދާޅުވީ، މިދިޔަ ދެ އަހަރުތެރޭގައި ސިފައިން ވަނީ 2،000 އަށް ވުރެ ގިނަ އޮޕަރޭޝަނުގައި ހަރަކާތްތެރިވެފައި ކަމަށެވެ.
"މިދިޔަ 2 އަހަރު، ކަނޑުމަތީގައި ހިނގި 700 ހާދިސާއެއްގައި ގާތްގަނޑަކަށް 2000 އަށްވުރެ ގިނަ މީހުންގެ ފުރާނަޔާއި މުދާވަނީ، މާތް ﷲގެ ހެޔޮ ރަހްމަތްފުޅުން، ސަލާމަތްކުރެވިފައެވެ،" މާރިޔާ ވިދާޅުވިއެވެ.




