ޕޮލިސް އިންޓެލިޖެންސްއަށްވެގެން ގެސްޓް ހައުސްއަކަށް ވަދެ ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރު ދިވެހި ފިރިހެނެއްކަމަށެވެ. މި މައްސަލާގައި ހައްޔަރު ކުރި 38 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ނޮވެންބަރު 15 ވަނަ ދުވަހުއެވެ. އަދި 43 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ނޮވެންބަރު 16 ވަނަ ދުވަހުއެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލާގައި މިހާތަނަށް ޖުމްލަ 3 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ނޮވެންބަރު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ ބަންދަށްވެސް ވަނީ ކޯޓުން 15 ދުވަސް ޖަހާފައެވެ.
މާލޭ މަޖީދީމަގުގައި ހުންނަ ފަރިވާ ސްޓޭއަށް 3 މީހަކު ވަދެ، ޕޮލިސް އިންޓެލިޖެންސްއިން ކަމަށްބުނެ އެތަނުގެ 3 މުވައްޒަފަކު ބަނދެ ކްލިޕް އަޅުވައި ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގޮސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލައިގެ ތަހްގީގުގައި މިހާތަނަށް ކުރި މަސައްކަތުން ފެރުނު ބައެއްތަކެތި ވަނީ ހޯދިފައި ކަމަށެވެ.



