އެމްއެންޑީއެފުން އުފެއްދި އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް ޑިފެންސް މިނިސްޓަރަށް ހަދިޔާ ކޮށްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން އުފެއްދި އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ހަދިޔާ ކުރައްވައިފިއެވެ.

މިމެޝިން އުފައްދާފައިވަނީ އެމްއެންޑީއެފް ސެނަހިޔަ މިލިޓްރީ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާރޖަންޓް ޝަރީފެވެ. ސެނަހިޔަ މިލިޓްރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޝަރީފް މިސެނިޓައިޒަރ މެޝިން އުފެެއްދީ މި ލޮކްޑައުންތެރޭގައެވެ. މި މެޝިނަކީ 1.5 ލީޓަރުގެ ސެނިޓައިޒަރ އެޅޭ އޮޓެމެޓިކް މެޝިނެކެވެ. މި މެޝިން ފަރުމާކުރެވިފައި ވަނީ މެޝިންގެ ވަކި ޚާއްޞަ ދިމާލަކަށް އަތް ދިއްކޮށްލުމުން، ސެނިޓައިޒް ކުރެވޭ ގޮތަށެވެ.

ޑިފެންސް މިނިސްޓަރަށް މި މެޝިން ހަދިޔާ ކުރެއްވުމަށްޓަކައި ޑިފެންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މެޝިން އުފެއްދި ސްޓާފް ސާޖަންޓް ޝަރީފްގެ ހުނަރުވެރި މަސައްކަތަށް ފާހަގަކުރައްވާ، ހިތްވަރު ދެއްވައި ސްޓާފް ސާޖަންޓް ޝަރީފަށް ޝުކުރު އަދާކުރެއްވިއެވެ.

ސްޓާފް ސާޖަންޓް ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ހަދިޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ސަރޖަން ޖެނަރަލް ކާނަލް ޑޮކްޓަރު އަލީ ޝާހިދު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ